އިންޑިއާގެ މަޝްހޫރު ފިލްމީ ޚާންދާނު، ކަޕޫރު ޚާންދާނުގެ އާއިލާގެ މެމްބަރެއްގެ ގޮތުގައި ބަތަލާ ސޯނަމް ކަޕޫރު ވުމަށް ކަރިޝްމާ ކަޕޫރު ވަރަށް ބޮޑަށް ބޭނުންވިކަން ހާމަވެއްޖެއެވެ.
ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޯސްޓުކުރާ "ކޮފީ ވިތު ކަރަން"ގެ ކުރީގެ އެޕިސޯޑެއްގައި މި ވާހަކަ ފަޅާއަރުވާލާފައި ވަނީ ކަރިސްމާގެ ކޮއްކޮ ކަރީނާ ކަޕޫރެވެ. ކަރީނާ ކަޕޫރާ އެކު ސޯނަމް ކަޕޫރު ވެސް ބައިވެރިވި މި އެޕިސޯޑުގައި ކަރީނާގެ ފަހަރިއަކަށް ވުމުގެ ފުރުސަތު އެއްވެސް ވަރަކަށް އެބައޮތްތޯ ކަރަން ވަނީ ސޯނަމް ގާތު އަހާފައެވެ.
ކަރަންގެ ސުވާލަށް ރައްދު ދެމުން ސޯނަމް ބުނެފައި ވަނީ އެކަން އެންމެ ބޮޑަށް ބޭނުންވާ އެކަކީ ކަރިސްމާ ކަޕޫރު ކަމަށާއި ކަރީނާގެ ފަހަރިއަކަށް ވުމަށްވުރެ ބޮޑަށް ބަތަލާ ބޭނުންވަނީ ކަރީނާގެ ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި ހުންނަން ކަމަށެވެ.
ބޮލީވުޑްގެ މަގުބޫލު ބަތަލާ ކަރިސްމާ ހަގީގަތުގައި ބޭނުންވީ ބަތަލާގެ ދެބެއިންގެ ދެދަރި އެކްޓަރު ރަންބީރު ކަޕޫރުގެ ޒަވާޖީ ހަޔާތުގެ ބައިވެރިއަކަށް ސޯނަމް ވުމަށެވެ. ސަބަބަކީ ސޯނަމް އަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ބަތަލާއަކަށް ވެފައި ސޯނަމްގެ ނަމުގެ ފަހަތުގައި ކަޕޫރު އޮތުމުން ނަމަށް އިތުރު ބަދަލެއް ގެންނަން ނުޖެހުމާ އެކު ދެ މީހުންގެ ޖޯޑު ބަތަލާއަށް މާ ބޮޑަށް ކަމުދިޔުމުން ކަމަށް މި އެޕިސޯޑުގައި ކަރަން ވަނީ ބުނެފައެވެ.
ސޯނަމް އާއި ރަންބީރު ކަޕޫރު ފިލްމީ ދާއިރާއަށް ތަޢާރަފްވެފައި ވަނީ ވެސް އެކީގައެވެ. އެއީ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ސާވަރިޔާ"އިންނެވެ. މި ފިލްމުގެ ރިލީޒްވި ދުވަސްވަރު ދެ ތަރިންގެ ދެމެދު ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑު ވަރަށް ބޮޑަށް ފެތުރުނެވެ. އެހެންނަމަވެސް ދެ ތަރިން ވެސް ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
ރަންބީރު ކަޕޫރު ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާއިންގެ ތެރޭގައި ދީޕިކާ ޕަދުކޯން، ނަރުގިސް ފަޚުރީ އަދި ބަތަލާ ކެޓްރީނާ ކައިފް ހިމެނެއެވެ. ރަންބީރާއި ބަތަލާ އާލިއާ ބަޓްގެ ކައިވެންޏަށް މި މަހުގެ 14 ވަނަ ދުވަހު ތިން އަހަރު ފުރިފައިވާއިރު އާލިއާ އަކީ ކަޕޫރު ޚާންދާނުގެ މެމްބަރުންގެ މެދުގައި ނުހަނު މަގުބޫލު މެމްބަރެކެވެ. ރަންބީރު ކަޕޫރު ޒަވާޖީ ހަޔާތެއް ފަށާފައި ވާއިރު ބަތަލާ ސޯނަމް ކަޕޫރު ވެސް ވަނީ ދުވަސްވީ ލޯބިވެރިޔާއާ ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް ފަށާފައެވެ.