ހަތަރު ދައުރަށް ފަހު މަޖިލިސް ރައީސް އަސްލަމަށް ނާކާމިޔާބު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލީސް

މިހާރު ހަތަރު ވަނަ ދައުރު މަޖިލީހުގައި ތަމްސީލު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް މިއަދުގެ އިންތިޚާބު ނާކާމިޔާބުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރިން އެމްޑީޕީއިން ރަސްކަން ކުރަމުން ދިޔަ އައްޑޫ ސިޓީގެ ގިނަ ގޮނޑިތަކެއް މިފަހަރު ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕީއެންސީއިންނެވެ.

މިހާރު މަޖިލީހުގައި 20 އަހަރު ހޭދަ ކުރައްވާފައިވާ އަސްލަމާ ވާދަކޮށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ސިނާންއެވެ. މިހާތަނަށް 2178 މީހުންގެ ވޯޓް ގުނާފައިވާއިރު ސިނާން ވަނީ 821 ވޯޓް ހޯދާފައެވެ. އަސްލަމަށް ލިބިވަޑައިގަތީ 642 ވޯޓެވެ.

މިހާރު ހިނގާ މަޖިލީހުގެ ރައީސަކަށް އަސްލަމް އިންތިޚާބުވީ ރައީސް މުޙައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަސްލަމަކީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަސްލަމަކީ ފެށުނީއްސުރެއް އެމްޑީޕީގައި ދެގޮތެއްނުވެ ހުންނެވި ބޭފުޅެކެވެ.

comment ކޮމެންޓް