ބޮޑު ބްރޭކަކަށް ފަހު ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ އަލުން ފިލްމެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.
ނަހުލާއަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ވަރުގަދަ ތަނބުތަކުގެ ތެރޭގައި ހިމެނޭނެ އެކަކެވެ. ނަމަވެސް އާންމުންގެ ލޮލަށް ނަހުލާ ނުފެންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.
ނަހުލާ މީގެ ކުރިން ބުނެފައިވަނީ ފިލްމު އިންޑަސްޓްރީއިން ކުޑަ ބްރޭކެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ގޮތަކަށް އިންޑަސްޓްރީއާ ދުރަށް ދިޔަ ކަމުގެ ވާހަކައެއް ނޫން ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.
ނަހުލާ ބްރޭކަށް ދިޔުމުގެ ކުރީން އެންމެ ފަހުން އިއުލާނު ކޮށްފައިވަނީ "ސޮރީ" ކިޔާ ފިލްމެކެވެ. މިއީ 2019 ވަނަ އަހަރު އިއުލާނުކުރި ފިލްމެކެވެ.
އެ ފިލްމަށް އިޝާރާތްކޮށް އާންމުކުރި ޕޯސްޓެއްގައި ނަހުލާ ބުނެފައިވަނީ ފިލްމެއް އުފައްދަން ވެއްޖެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ސަން"އަށް މައުލޫމާތު ދެމުން ނަހުލާ ބުނީ ފިލްމުގެ ޝޫޓިންނަށް ތައްޔާރުވުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ފިލްމުގެ ޝޫޓިންގެ ކުރިން ވަރަށް ގިނަ މަސައްކަތް ކުރަން ހުރި ކަމަ ށްވެސް ނަހުލާ ފާހަގަކުރިއެވެ.
"ޝޫޓިން ފެށުމަށް ފަހު ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ. އެހެންވެ، އަސްލު ތައްޔާރީތަކަށް ގިނަ ދުވަސް ވަނީ. ހުރިހާ ކަމެއް ފުރިހަމައަށް ތައްޔާރުކޮށްފައި ފަށާނީ،" ނަހުލާ ބުންޏެވެ.
އޭނާ ފާހަގަކޮށްފައިވާ ގޮތުގައި އަލަށް ނެރޭ ފިލްމުގެ ވާހަކަ ވަނީ މިިހާރު ނިމިފައެވެ. މި ފިލްމުގެ ކާސްޓު ވަނީ ކުރިން އިއުލާނު ކޮށްފައެވެ. މި ފިލްމުގައި ލީޑުން ފެންނާނީ ޔޫސުފް ޝަފީއުއާއި މަރިޔަމް އައްޒަގެ އިތުރުން އާ އެކްޓަރެކެވެ. ނަމަވެސް އާ އެކްޓަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
ސޮރީ ވެސް ވެގެން ދާނީ ނަހުލާގެ އަސަރުގަދަ ވާހަކަތައް ކިޔައިދޭ ފިލްމަކަށެވެ. ނަހުލާގެ ކުރީގެ އޯޑިއެންސް އަނބުރާ ގެނައުމުގެ މަގުސަދުގައި ނެރޭ މި ފިލްމު ވެގެންދާނީ އޭނާގެ ގިނަ ދުވަސްވީ ފޭނުންތަކަށް ބޮޑު ޓްރީޓަކަށެވެ.
ނަހުލާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް" އެވެ. އެއަށްފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020 އަށް ދެއްކިއެވެ.