ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވި ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާދަމާ މެންދުރެވެ. ނަމަވެސް އެ އަޑުއެހުން އޮންނާނެ ގަޑިއެއް ހައިކޯޓުގެ ވެބްސައިޓުގައި މިހާތަނަށް ޝާއިއުކޮށްފައިނުވެއެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022ގައެވެ. އެއީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.

ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ނިމިފައެވެ. ނަމަވެސް ހުކުމް އިއްވުން ތާވަލުނުކޮށް ދިގު މުއްދަތެއް ވެފައިވާތީ އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ޔާމީންގެ ތާއިދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންތިޚާބުވުމަށް ފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހުގައި ޔާމީން ގެކޮޅަށް ބަދަލުކުރުމަށް އެދިވަޑައިގަތުމުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޔާމީން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ.

އެ މަނިކުފާނަށް ހުކުމް ތަންފީޒު ކުރުމުގައި ލުއިތަކެއް ދީފައިވި ނަމަވެސް، ކަރެކްޝަނަލް ސާވިސްގެ ހުއްދަ ނެތި އެ މަނިކުފާނު ގެންދަވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެ މައްސަލަ ބަލާ ކަމަށް ކަރެކްޝަންސްއިން ބުނި ނަމަވެސް، ޔާމީނަށް ފިޔަވަޅު ނާޅާ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ން ވަނީ ބަލަން ފަށައިފައެވެ.

ރައީސް ޑރ. މުއިއްޒުގެ އެންމެ މައިގަނޑު އެއް ވައުދުފުޅަކީ ޔާމީން މިނިވަން ކުރެއްވުމެވެ.

ދާދި ފަހުން ރައީސް ވަނީ، އެ މަނިކުފާން މިހާރު ވެސް ހުންނެވީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަމަށާއި ވައުދާ ޚިލާފުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ޔާމީން މިނިވަން ކުރެއްވުމުގެ ބާރު އޮތީ ޖުޑީޝިއަރީގެ އަތްމަތީގައި ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ ޔާމީން ވަނީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަކިވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

އެ ޕާޓީ އުފައްދަން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ. އަދި ޕާޓީ އުފެއްދުމުގެ ޖަލްސާ ވަނީ މިދިޔަ ހަފުތާގައި ބާއްވައިފައެވެ.

comment ކޮމެންޓް