ބޮލުގައި ދޮގު އަޅުވަން އުޅެއުޅެ، އެކަން ވާގޮތެއް ނުވި: ރައީސް

އިދިކޮޅުން އެ މަނިކުފާނުގެ އިސްތަށިފުޅުގައި "ދޮގު އަޅުވަން އުޅެއުޅެ" އެކަން ވާގޮތެއް ނުވި ކަމަށް ރައީސް ވިދާޅުވި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

އިދިކޮޅުން އެ މަނިކުފާނުގެ އިސްތަށިފުޅުގައި "ދޮގު އަޅުވަން އުޅެއުޅެ" އެކަން ވާގޮތެއް ނުވި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު، މުޙައްމަދު އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދަައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ރައްޔިތުންގެ ހައްގުގައި ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މުދަލާއި ފައިސާގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީން ވެސް ދެއްވާފައެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނަށް ﷲ ތަޢާލާގެ ފުއްސެވުމާއި ރުއްސެވުން ލިބުން މާ މުހިންމު ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އިދިކޮޅު ފަރާތްތަކުން އެ މަނިކުފާނާ ދެކޮޅަށް ދޮގު ފަތުރަމުންދާތީ އެކަމަށް ރައްދު ދެއްވާފައެވެ.

"އެހެންވީމާ ތި ބޭފުޅުން އަދި ތި ގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅެ، ކުރީގައި ވެސް ނުވި ކަމެއް. ދެނެއް ވެސް ނުވާނެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއް ވެސް ނޯންނާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު އެމްޑީޕީން، ތާރީހެއް ތައްގަނޑެއް ނުޖަހައި އޮތް ޕޮލިސް އިންޓެލިޖެންސް ރިޕޯޓުގެ ޑްރާފްޓެއް އެ މަނިކުފާނާ ގުޅޭ ގޮތުން ތައްޔާރުކުރިއިރު، އެ މަނިކުފާނުގެ ރޯހައުސްގައި ދިރިއުޅުނު މީހުންގެ ކުއްޔާއި ބައްޕާފުޅުގެ ފަރާތުން ވާރުތަވީ މުދަލާގުޅޭ މައުލޫމާތު ވެސް އެ ރިޕޯޓުގައި ހިމަނާފައި އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ "އުޅެއުޅެ ވެސް" އެ މަނިކުފާނާ ދެކޮޅަށް ކަމެއް ނުފެނުނު ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަކީ އިދިކޮޅުން އެ މަނިކުފާނު ކުރެއްވި ކަމަށް އުންމީދު ކުރާފަދަ ކަންކަން ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނަށް ދެރައެއް ލިބޭ ޒާތުގެ، އަދި ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ދުވަހަކު ވެސް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"އަޅުގަނޑު އެދެނީ ހަމަ ގަދަޔަށް ތި ވާހަކަ ދައްކަން. ދެއްކި ވަރަކަށް ހަމަ ތި ބޭފުޅުން ބޭޒާރުވާނީ" ރައީސް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން ދަނީ ސަރުކާރަށާއި، ރައީސް ޑރ. މުޢިއްޒަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

comment ކޮމެންޓް