ވިއްސާރަ ވެދާނެކަމަށް ބަލައި، ޕާޓީތަކުން ބޭނުންވަނީ ވޯޓުލާ ވަގުތު އިތުރުކުރަން

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ އިންތިޚާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ފަސްވަނަ ބައްދަލުވުން -- ސަން ފޮޓޯ/ މޫސާ ނަދީމް

އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ބައެއް ރަށްރަށަށް ވިއްސާރަ ވެދާނެކަމަށް ބަލައި، ވޯޓުލާ ވަގުތު އިތުރުކުރަން ޕާޓީތަކުން ޚިޔާލު ފާޅުކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ އިންތިޚާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ފަސްވަނަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވަނީ، ވޯޓުލާ ދުވަހު ވިއްސާރަ ވެއްޖެނަމަ ވޯޓުގެ ވަގުތު އިތުރު ކުރުމާ ގުޅޭ ގޮތުން ޕާޓީތަކުގެ ލަފައަށް އައްސަވައިފައެވެ.

"...އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ތިބޭފުޅުންގެ ލަފާފުޅަކަށް ބޭނުންވާ ކަމެއްގެ ވާހަކަ ދަންނަވާލާނަން. ރާއްޖެއަށް މޫސުން ލަފާކުރާގޮތުން ވެއްޖެއްޔާ އަންނަ އާދިއްތަ ދުވަހު ވެސް ކޮންމެވެސް ވަރަކަށް ރާއްޖޭގެ ކޮންމެވެސް ހިސާބުތަކަކަށް ވިއްސާރަ ކުރާނެ. އަޅުގަނޑުމެން ކުރިން ނިންމަން ބޭނުންވޭ ގަޑިއަށް ބަދަލެއް ގެންނާނެކަން ނުވަތަ ނުގެންނާނެކަން، ގެންނަންޏާ ގެންނާނީ ކޮން މިންވަރަކަށް ކަން،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވޯޓުލާ ދުވަހު ވިއްސާރަ ވެގެން ނުވަތަ ވަކި ސަރަހައްދަކަށް ވިއްސާރަ ވެގެން ވޯޓުލާ ވަގުތު އިތުރުކުރަން ރިކުއެސްޓުތައް އަންނާނެ ކަމަށެވެ. ނަމަވެސް، ވޯޓުލާ ދުވަހުގެ ކުރިން ވޯޓުލާނީ 08:00 އިިން 04:00އަށް ތޯ ނުވަތަ 08:00 އިން 05:00އަށް ތޯ ނިންމަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕާޓީތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ތާއީދު ކުރީ ވޯޓުލާ ވަގުތު އިތުރު ކުރުމަށެވެ. އަދި ވިއްސާރަ ނޫންނަމަ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސް ވަރަކަށް ވެސް ވުމުން ވޯޓުލާ ވަގުތު އިތުރުކުރަން ފެންނަ ކަމަށް ލަފާދޭ ކޮމިޓީގެ މެމްބަރުން ވަނީ ބުނެފައެވެ.

ވޯޓުލާ ވަގުތު އިތުރު ނުކޮށް، އާދިއްތަ ދުވަހު ވިއްސާރަ ވެއްޖެ ނަމަ ވޯޓުލާ މީހުންގެ އަދަދު ދަށްވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ލަފާދޭ ކޮމިޓީގެ މެމްބަރުން ފާހަގަ ކުރިއެވެ.

މެމްބަރުންގެ ލަފައަށް ފަހު ފުއާދު ވިދާޅުވީ، ކޮމިޓީއަށް ހާޒިރުވެތިބި އެންމެން ވެސް އިއްތިފާގު ވަނީ ވޯޓުލާ ވަގުތު އިތުރުކުރުމަށް ކަމަށެވެ. އަދި މެމްބަރުން ބޭނުންވަނީ ހަމަ އެ އުސޫލުން ރާއްޖޭގެ ހުރިހާ ވޯޓު ފޮއްޓަކަށް އަމަލު ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ގޮތެއް ނިންމާފައެއް ނުވެއެވެ. ފުއާދު ވިދާޅުވީ މިކަމާ ގުޅިގެން ގޮތް ނިންމައި، އީސީން ނިންމާ ގޮތެއް މާދަމާ ހާމަކުރާނެ ކަމަށެވެ.

comment ކޮމެންޓް