ހައްލުކުރި ފަހުން ވެސް ކުޅުދުއްފުށިން ކަރަންޓު ކެނޑި، މައްސަލަ ދިމާވެއްޖެ

ކުޅުދުއްފުށި ސިޓީ. (ފޮޓޯ/އަބޫއިޝް)

ކުޅުދުއްފުށީ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް އިއްޔެ މުޅި ރަށަށް ކަރަންޓު ދީފައިވަނިކޮށް މިއަދު އެ ރަށުން އަނެއްކާ ވެސް ކަރަންޓު ކެނޑިއްޖެއެވެ.

ކުޅުދުއްފުށިން "ސަން"އާ ވަހަކަ ދެއްކި މީހަކު ބުނީ، އެ ރަށުން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:45 ހާއިރު ކަމަށެވެ. އަދި، އިރުކޮޅެއް ފަހުން ކަރަންޓު ލިބުނު ނަމަވެސް އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން ވަނީ، ކަރަންޓު ކަނޑާނެ ވަގުތުތަކެއް ކަނޑައަޅާ ރައްޔިތުންނަށް އަންގާފައި ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ރަށުގެ އެކި ސަރަހައްދުތަކަށް އެއް ގަޑިއިރަށް ކަރަންޓު ކަނޑަށް ފެނަކައިން ވަނީ ނިންމާފައެވެ. އަދި، ރަށުގެ ކަރަންޓު ލޯޑު މަތިވާނަމަ މުޅި ރަށުން ކަރަންޓު ކެނޑުން ވެސް އެކަށީގެންވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ފެނަކައިގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކުޅުދުއްފުށީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ނަމަވެސް، މި މައްސަލަ ސްޓެލްކޯއާ ވެސް ގުޅިގެން ހައްލުކޮށް މުޅި ރަށަށް ރޭ ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.

ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށެވެ. މި މައްސަކަތަކަށް ހައްލު ގެންނަން މަސައްކަތް ކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް