ޓްރީޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ ހަދައިފި

ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ޓްރީޓޮޕް

ޓްރީޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ ޕްރޮސީޖާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މިއީ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން އެ ހޮސްޕިޓަލަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށެވެ.

އެ ޕްރޮސީޖާ ކުރިޔަށް ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. އަމިތް އަގަރްވާލް އަދި ހުނަރުވެރި ކާޑިއޮލޮޖީ ޓީމުންނެވެ.

ޓްރީޓޮޕުން ބުނީ ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީއަކީ ހިމަވެފައި ނުވަތަ ބްލޮކްވެފައިވާ ކިޑްނީއަށް ލޭ ފޯރުކޮށްދޭ ނާރުތައް ހުޅުވައިދޭ މިނިމަލީ އިންވޭސިވް ޕްރޮސީޖާއެއް ކަމަށާއި ބޮޑެތި އޯޕަން ސާޖަރީތަކާ ޚިލާފަށް، މިފަދަ ޕްރޮސީޖާތައް ކުރިޔަށް ގެންދަނީ ވަރަށް ކުޑަކުޑަ އިންސިޝަންއެއް ހަދައިގެން ކަމަށެވެ.

މީގެ ސަބަބުން ބަލިމީހާ އާންމު ދިރިއުޅުމަށް ރުޖޫޢު ވުމަށް ހޭދަވާ ވަގުތު ވަރަށް ކުޑަކުރެވޭ ކަމަށާއި މިއީ ލޭގެ ޕްރެޝަރު މަތިވުމާއި ކިޑްނީގެ މަސައްކަތް ދަށްވުމާއި އެއާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ހުންނަ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ލުއިކަމެއް ލިބިދޭނެ ޕްރޮސީޖާއެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި ޑރ. އަމިތް އަގަރްވާލަކީ ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ، ހިތުގެ ގިނަ ބަލިތައް ދެނެގަތުމުގައި ތަޖުރިބާކާރު އަދި ހުނަރުވެރި ޑޮކްޓަރެކެވެ.

ޑރ. އަމިތު ވަނީ ނޭޕާލްގުންޖް މެޑިކަލް ކޮލެޖުން އެމްބީބީއެސް އަދި ނޭޕާލްގެ އިންސްޓިޓިއުޓް އޮފް މެޑިސިން ކަތަމަންޑޫއިން އިންޓާނަލް މެޑިސިންގެ ދާއިރާއިން އެމްޑީ ހާސިލްކޮށްފައެވެ.

އަދި، ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސްއިން ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެ، އިންޑިއާގެ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން އޭނާ ވަނީ ތަމްރީނު ހޯދައިފައެވެ.

މީގެ އިތުރުން ޑރ. އަމިތު ވަނީ ނޭޕާލްގެ ނޭޝަނަލް މެޑިކަލް ކޮލެޖުގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު އަދާކޮށް، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއްގެ މަގާމު ވެސް އަދާކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ހުނަރުވެރި ކާޑިއޮލޮޖިސްޓުންގެ ޓީމެއް ހިމެނޭ ހޮސްޕިޓަލެކެވެ.

އެގޮތުން ޓްރީޓޮޕް ޑިޕާޓްމަންޓަކީ ހިތުގެ ބަލިތައް ދެނެގަނެ، ފަރުވާ ދިނުމަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ޑިޕާޓްމަންޓަކަށް ވާއިރު ޕްރިވެންޓިވް ސްކްރީނިންއާއި މިނިމަލީ އިންވޭސިވް ޕްރޮސީޖާތަކުން ފެށިގެން ހިތުގެ ކޮމްޕްލެކްސް ބަލިތައް މެނޭޖްކުރުމުގެ ފަރުވާ މި ޑިޕާޓްމަންޓުން ލިބޭނެއެވެ.

comment ކޮމެންޓް