ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަންކަން ބަޔާ ޒީރޯ ފޯ ލެވަކޫސެންއިން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
ލެވަކޫސެންއިން ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދީ ވާޑާ ބްރޭމަންއާ ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބުކުރުމާ އެކު އެހެން އެއްވެސް ޓީމަކަށް ލެވަކޫސެންއާ އަރާ ހަމަނުކުރެވޭނެކަން ޔަގީންވުމުންނެވެ. މިއީ ލެވަކޫސެންގެ ތާރީހުގައި ބުންޑެސްލީގާގެ ޗެމްޕިއަންކަން އެ ޓީމަށް ހާސިލްކުރެވުނު ފުރަތަމަ ފަަހަރެވެ.
މިއާއެކު ލެވަކޫސެންއިން މިވަނީ މެއިސްޓާޝާލާގެ ނަމުން މަޝްހުރުވެފައިވާ ބުންޑެސްލީގާގެ ޗެމްޕިއަނުންނަށް ދޭ ޝީލްޑްގައި ބަޔޭން މިޔުނިކުން ހިއްޕާލާފައި އޮތް ވަކި ދޫކޮށްލުވާފައެވެ. ބަޔޭންއިން ވަނީ ވޭތުވެދިޔަ 11 ސީޒަންގައި ބުންޑެސްލީގާގެ ޗެމްޕިއަންކަން ހާސިލްކޮށްފައެވެ. އެހެންކަމުން މިއީ ވަރަށް ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި އަންނަނީ ބެލެވެމުންނެވެ.
ބްރޭމަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަކޫސެންގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވަޑް ވިކްޓާ ބޮނީފޭސްއެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ގްރަނީޓް ޜާކާ ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ފްލޯރިއަން ވިޓްޒްއެވެ. މެޗުގައި ވިޓްޒްވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުގައި ހެޓްރިކެއް ވެސް ހަދައިފައެވެ. އޭނާ 83 ވަނަ މިނެޓުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑާ އެކު ލެވަކޫސެންގެ ސަޕޯޓަރުންނަށް ނުތިބެވިގެން އުފަލުން ގޮސް ދަނޑަށް އަރައިގަނެވުނެވެ. އަދި، ފަހުން ކުޅުން އަނެއްކާ ފަށައިގެން އެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ވިޓްޒް ކާމިޔާބުކުރުމާ އެކު ލެވަކުސެންގެ ސަޕޯޓަރުން ދެވަނަ ފަހަރަށް ދަނޑު މައްޗަށް އެރިއެވެ. މިއާއެކު އެންމެ ފަހުން ރެފްރީ މެޗު ނިންމާލީއެވެ.
ލެވަކޫސެންގެ ކޯޗު ޒާބީ އަލޮންސޯ ބުނީ މި ކާމިޔާބީއާ އެކު އާދަޔާ ހިލާފު އިހްސަސްތަކެއް ކުރެވެނު ކަމަށެވެ. މިއީ އާއިލާތަކާއި ރައްޓެހިންނާއި ކްލަބްގެ ސަޕޯޓަރުންނާ އެކު މަޖާކޮށް އުފާފާޅު ކުރަންވީ ވަގުތު ކަމަށް އޭނާ ބުންޏެވެ.
އަލޮންސޯ އެ ޓީމާ ހަވާލުވެފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު އެ ކްލަބް އޮތީ ބުންޑެސްލީގަގެ ރެލިގޭޝަން ޒޯންގެ ތެރޭގައެވެ. ނަމަވެސް މިވީ 18 މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ މިވަނީ ލެވަކޫސެންއަށް ބުންޑެސްލީގާގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލުމުގެ އުފާ ހާސިލުކޮށްދީފައެވެ.
ލެވަކޫސެންއިން މި ސީޒަންގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މިހާތަނަށް ހުރިހާ މުބާރާތަކަށް ބާލައިރު ލެވަކޫސެންއިން ވަނީ ބަލިނުވެ 43 މެޗު ހަމަކޮށްފައެވެ. އަދި، ލެވަކޫސެންއަށް މިސީޒަންގައި ވަނީ ތިން ތަށި ކާމިޔާބުކޮށް އާދަޔާހިލާފު ސީޒަނަކަށް މި ސީޒަން ހެދުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައެވެ. މިގޮތުން ބުންޑެސްލީގާ މިހާރު ކާމިޔާބުކުރެވިފައިވާއިރު ޖާމަން ކަޕްގެ ފައިނަލަށް އެ ޓީމު ވަނީ ދަތުރުކޮށްފައެވެ. އަދި، ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓަ ފައިނަލްގެ ފުރަތަމަ ލެގު ކާމިޔާބުކޮށް ސެމިފައިނަލުން ޖާގައެއް ހޯދުމާ ގާތަށް ވަނީ ޖެހިލާފައެވެ.
ބުންޑެސްލީގާގައި މިހާތަނަށް ލެވަކޫސެން ކުޅުނު 29 މެޗުން ވަނީ 79 ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކާއި ތިންވަނައިގައި އޮތް ސުޓުޓްގާޓަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ބާކީ މިހާރު ކޮންމެ ޓީމަކަށް ކުޅެން އޮތީ ފަސް މެޗުކަމުން މި ދެޓީމަށް މި ފަސް މެޗު ކާމިޔާބުކޮށްގެން ވެސް ލިބޭނީ 78 ޕޮއިންޓެވެ.