ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން ބައެއް ކައުންސިލްތަކަށް ދެނީ

ފ. ފީއަލީގެ ތަރައްގީއަށް އެ ރަށުގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމުގެ މަތީގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށްޓަކައި، ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދެއްވުމަށްޓަކައި ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފީއަލީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޓެކްސް ފައިސާއިން ބައެއް ކައުންސިލްތަކަށް ދިނުމުން ރައްޔިތުންގެ ފައިދާއަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށެވެ.

"އެންމެ ބޮޑު އެއް ކަމަކީ ދައުލަތަށް މި ލިބޭ އާމްދަނީ، ޓޫރިޒަމް ޓެކްސްއާއި އަދި އެހެނިހެން ޓެކްސްތައް އެބަ ލިބޭ. މީގެ ތެރެއިން އިންސައްތައެއް ޓެކްސްގެ ގާނޫނާ، ކަމާގުޅޭ އެހެން ގާނޫނުތައް އިސްލާހުކޮށްގެން ކައުންސިލްތަކަށް ސީދާ ޖަމާކޮށްދިނުން. އޭރުން ވެސް އެ ކައުންސިލްތަކަށް ރަށުގެ ތަރައްގީއަށް ކުރެވޭނެ ވަރަށް ބައިވަރު ކަންކަން ހުންނާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާއި ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް ފަޅުރަށްތައް ދޫކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން ފުދުންތެރިކޮށްދީ މުއްސަނދިކޮށްދިނުމަށް ކަމަށެވެ.

ކައުންސިލްތައް ބާރުވެރިކުރުވުމާއި މާލީ މިނިވަންކަން ހޯއްދަވައިދެއްވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް ސިޔާސަތަކީ ޓޫރިޒަމްގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރިކަން ފަދަ ސިނާއަތްތަކުން ލިބޭ އާމްދަނީއިން ބައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވުން ކަމަށް ރައީސް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވާ ގޮތުގައި އޭރުން ރަށު ތަރައްގީއަށް ކުރަންޖެހިފައިވާ ކަންކަން ކުރުމުގައި ކައުންސިލްތަކުން ސަރުކާރަށް ބަރޯސާވާކަށް ނުޖެހޭނެއެވެ.

ރައީސް ވިދާޅުވާ ގޮތުގައި އެ މަނިކުފާނު ކުރިޔަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ ބާރު ސްޕީޑުގައި ނަތީޖާ ނެރެދެއްވަމުންނެވެ.

"އަޅުގަނޑު ބޭނުންވަނީ ހަމަ ކުރިން ވެސް ދެންނެވި ގޮތަށް، ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިޔަށްދާން. އެންމެ ދުވަހެއް ވެސް ބޭކާރުނުވެ، އެންމެ ދުވަހެއް ވެސް ފަހަތަށް ނުގޮސް ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭން،" ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ރައީސް ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ފީއަލީ ކައުންސިލަކީ އެ މަނިކުފާނު ބައްދަލުކުރެއްވި 168ވަނަ ކައުންސިލެވެ. އެ މަނިކުފާނަށް ބައްދަލު ނުކުރެއްވި ބާކީ 32 ކައުންސިލެއް އަދި އޮތްއިރު، ގާތްގަނޑަކަށް 165 އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުން މާލެ އައިސް އެޕޮއިންޓްމެންޓް ހައްދައިގެން އެ މަނިކުފާނާ ބައްދަލުކުރާ ނަމަ ކަންކަން އަވަހަށް ނުނިމޭނެއެވެ. އޭގެ ބަދަލުގައި ރަށްރަށަށް ވަޑައިގެން އެ މަނިކުފާނު ގެންދަވަނީ ކައުންސިލްތަކާ ބައްދަލު ކުރައްވައި، ރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް