މަޖިލީސް އިންތިޚާބާ ގުޅިގެން މިހާތަނަށް 41 މައްސަލަ، ގިނައީ ވޯޓުލުމުގެ ހައްގާ ގުޅިގެން

މަޖިލީސް އިންތިޚާބުގެ ކެމްޕޭން ޕޯސްޓަރުތަކެއް: މިހާތަނަށް އިންތިޚާބާ ގުޅޭ 41 މައްސަލައެއް ވަނީ ހުށަހަޅާފައި -- ސަން ފޮޓޯ: މުޙައްމަދު މާވީ

އަންނަ އާދިއްތަ ދުވަހު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން މިހާތަނަށް 41 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އީސީގެ ސެކެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މަޖިލީސް އިންތިޚާބާ ގުޅިގެން ކޮންޕްލެއިންޓްސް ބިއުރޯއަށް މިހާތަނަށް ހުށަހެޅި 41 މައްސަލައިގެ ތެރެއިން 38 މައްސަލަ ބަލައި ނިމިފައިވާ ކަމަށެވެ.

އެގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ވޯޓުލުމުގެ ހައްގާ ގުޅުންހުރި މައްސަލަތައްކަން ފާހަގަކޮށް ޒަކަރިއްޔާ ވިދާޅުވީ އެކަމާ ގުޅުންހުރި 26 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 25 މައްސަލައެއް ނިންމައި އެއް މައްސަލަ ބަލަމުން އަންނަ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ކެމްޕޭން ކުރުމާ ގުޅޭ ފަސް މައްސަލައެއް ހިމެނޭ ކަމަށާއި އޭގެ ތެރެއިން ހަތަރު މައްސަލަ ބަލައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ އަދިވެސް އިންތިޚާބީ މުވައްޒަފުންނާ ގުޅުންހުރި ދެ މައްސަލައަކާއި ރަޖިސްޓްރޭޝަނާ ގުޅުންހުރި ހަތަރު މައްސަލައަކާއި ކެންޑިޑެސީއާ ގުޅުންހުރި ފަސް މައްސަލައެއް ކޮންޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާ ކަމަށެވެ.

"ރަޖިސްޓްރޭޝަނާ ގުޅުންހުރި ހަތަރު މައްސަލަ ވެސް ކޮމިޝަނުން ވަނީ ބަލާފައި. ކެންޑިޑެސީއާ ގުޅުންހުރި މައްސަލަތައް ވެސް ހުރީ ނިމިފައި. މުވައްޒަފުންނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ނުބަލައި އިނީ އެންމެ މައްސަލައެއް،" އޭނާ ވިދާޅުވިއެވެ.

މަޖިލީސް އިންތިޚާބާ ގުޅުންހުރި މައްސަލަތައް އީސީގެ ކޮންޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުމަށް އީސީން ހުޅުވާލާފައިވާއިރު އިންތިޚާބާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނުފޫޒު ފޯރުވަން ގޮވާލައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެމްޕޭން ޖަލްސާއެއްގައި މީހަކު ދެއްކި ވާހަކައެއްގެ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.

އެ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ބޮޑުވެފައި އޮއްވައި އީސީގެ ރައީސް ފުޢާދު ތައުފީގު ވަނީ އެ މައްސަލަ ހުށަހަޅަން އެދިވަޑައިގެންފައެވެ. އެކަމަކު، ޕީއެންސީން ވަނީ ވަކިވަކި މީހުން ދައްކާ ވާހަކައަކީ ޕާޓީގެ ސިޔާސަތު ނޫން ކަމަށް ބުނެފައެވެ.

އިންތިޚާބާ ގުޅިގެން ވަޒީފާތައް ދިނުމާއި މުވައްޒަފުންނަށް ބިރުދެއްކުމުގެ ކަންކަން ވެސް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. އެކަމަކު، ސަރުކާރުން އަންނަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

comment ކޮމެންޓް