ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އެފްސީ ކޯން ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކުރުމާ އެކު ލީގަށް ވާދަކުރަމުންދާ ބަޔާ ޒީރޯ ފޯ ލެވަކޫސެންއަށް ލީގު ކާމިޔާބުކުރެވުން އެއް ދުވަހަށް ފަސްވެއްޖެއެވެ.
ބަޔާން މި މެޗުން ބަލިވިނަމަ ބުންޑަސްލީގާގެ ތަށި ފުރަތަމަ ފަހަރަށް ލެވަކޫސެންއަށް ކާމިޔާބުކުރެވިގެން ދިޔައީހެވެ. ނަމަވެސް މިހާރު ލެވަކޫސެންއަށް ޖެހޭނީ ވާޑާ ބްރޭމަންއާ ބައްދަލުކުރާ މެޗު ކާމިޔާބުކުރާށެވެ.
ބަޔާންގެ ދަނޑުގައި ރެލިގޭޝަނާއި ހަނގުރާމަ ކުރަމުންދާ ކޯންއާ ބައްދަލުކުރި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. ލެވަކޫސެންއަށް ލީގު ކާމިޔާބުވުން އެއް ދުވަހަށް ފަސް ކުރުމަށްޓަކައި ބަޔާންއަށް ޖެހެނީ މި މެޗުން ޕޮއިންޓެއް ހާސިލުކުރާށެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާނުންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ބަޔާނަށް ކޯންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މި ހާފުގައި އެ ޓީމުގެ ހެރީ ކޭންއާއި މަތީސް ޓެލް ފޮނުވާލި ދެ ހަމަލާއެއްވަނީ ކޯން ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖަހައިދިނީ ރަފައެލް ގުއެރޭރޯއެވެ. އަދި، އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ތޯމަސް މުލާއެވެ.
މި ކާމިޔާބީއާ އެކު ބަޔާނަށް ވަނީ ކުޅުނު 29 މެޗުން 63 ޕޮއިންޓް ލިބިފައެވެ. އަދި، އެއްވަނައިގައި އުޅޭ ލެވަކޫސެންއާއި ބަޔާނާ ދެމެދު 13 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެހެންކަމުން ބްރޭމަންގެ މައްޗަށް ލެވަކޫސެންއަށް ކާމިޔާބީ ހާސިލު ކުރެވިއްޖެނަމަ ލެވަކޫސެންއަށް ފުރަތަމަ ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކުރެވުމުގެ އިތުރުން ވޭތުވެދިޔަ 12 ސީޒަންގެ ތެރޭގައި ފުރަތަމަ ފަހަރަށް ބަޔާން ނޫން އެހެން ޓީމެއް މި ތަށި އުފުލައިލާތަން ފެނިގެން ދާނެއެވެ.
ބަޔާނުން ވަނީ ޖެހިޖެހިގެން 11 ފަހަރު މި ތަށި ކާމިޔާބުކޮށްފައެވެ. ބަޔާން ނޫން ޓީމަކަށް އެންމެ ފަހުން މި ތަށި އުފުލައިލާފައިވަނީ 2011-2012 ވަނަ އަހަރުގެ ސީޒަންގައި ބޮރޫޝިއާ ޑޯޓްމުންޑެވެ. ޑޯޓްމުންޑަށް މިދިޔަ ސީޒަންގައި ލީގު ކާމިޔާބުކުރުމުގެ އަމިއްލަ ބާރު ފަހު މެޗަށް ކުރިމަތި ލީއިރު އޮތް ނަމަވެސް އެކަން އެ ޓީމަށް ކުރެވޭގޮތް ނުވެ މިދިޔަ ސީޒަންގެ ތަށި ބަޔާން ކާމިޔާބުކުރީއެވެ.
ލެވަކޫސެންއާއި ބްރޭމަން ބައްދަލުކުރާ މެޗު ކާމިޔާބުކުރުމުން ލީގު ކާމިޔާބުކުރެވިގެން ދިއުމުގެ އިތުރުން މި މެޗުން ލެވަކޫސެން ބަލިނުވެ، ފަރު ޖައްސާލައިފިނަމަ އެ ޓީމަށް ބުންޑަސްލީގާގައި އެންމެ ގިނަ މެޗުން ބަލިނުވުމުގެ އާ ރިކޯޑެއް ވެސް ގާއިމުކުރެވިގެންދާނެއެވެ.