އަހަރުތަކަށް ފަހު މިފަހަރު ހދ. ކުރިނބީގައި ތަފާތު ގޮތަކަށް އީދު ފާހަގަ ކޮށްފިއެވެ. މިފަހަރު ކުރިންބަށް އީދާއެކު އައީ އީދު ނަވެކެވެ. މި ނަވުން ތަފާތު މެސެޖުތައް ދޭއިރު، މި ނަވުން ރަށު ރައްޔިތުންގެ އެކުވެރިކަން ދައްކުވައިދެއެވެ.
އާބާދީގައި 500އެއްހާ މީހުން ދިރިއުޅޭ ކުރިބީގެ މަގުތަކުގައި ވަނީ ދޮންވެލިން ތަފާތު މެސެޖުތައް ލިޔެފައެވެ. އެއް ގެއިން އަނެއް ގެއެއްގެ މީހުންނަށް ދޭ މެސެޖާއި އީދުގެ ތަހުނިޔާ ތަކެވެ. އަދި ތަފާތު ސަކަ ވާހަކަތަކެވެ. މި ނައު އޮންނަނީ ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ބޮޑު ބޯޓެއްގެ ސިފައިގައެވެ.

ކުރިންބީގެ އީދު ނައު --
މި ތަފާތު ހަރަކާތާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ރަށުގެ ބޮޑު މަގުގައި ތަފާތު މެސެޖުތައް ލިޔެ، ޑިޒައިން ތަކުން ޒީނަތްތެރި ކުރާކަމަށެވެ. މިކަން ކުރަނީ ރަށުގެ ފިރިހެންވެރިން ކަމަށާއި މިއީ ރޭގަނޑު ދަންވަރު ކުރާކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއީ އަންހެންވެރިންނާ ސިއްރުން ކުރާ ކަމެއް ކަމަށެވެ. އަދި ރަށުގެ މީހުންނަށް މި ނައު ފެންނާނީ ހެނދުނު ވުމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިންބީގެ އީދު ނައު --
އެގޮތުން ކުރިނބީގައި ނައު ކުރެހުމުގެ ކަންތައް ރޭ 1:00ގައި ފެށިއެވެ. މި މަސައްކަތް ނިމުނީ ފަތިސް ވީއިރުއެވެ.
"ރަށްޓެހި ވެގެން އުޅޭ ދެމީހުން ވެއްޖެއްޔާ އެއްގެއިން އަނެއްގެއަށް ކުރަހާލާފަ އިނދެދާނެ ދޮންވެލިން ކޮންމެވެސް އެއްޗެއް. އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ނުވާނެ ގޮތަށް މިކަން ކުރާނީ،" އަސްލަމް ވިދާޅުވިއެވެ.

ކުރިންބީގެ އީދު ނައު --
މިއީ ކުރިބީގައި އިހު ޒަމާނުއްސުރެ ކުރަމުން އައި ކަމެކެވެ. މިކަން ކުރަނީ އެއިރެއްގައި ރަށުގައި އުޅޭ މީހުން އިސްނަގައިގެންނެވެ. ނަމަވެސް، މި ފިތުރު އީދުގައި ކުރިންބަށް އީދު ނައު މި އައީ ވަރަށް ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހުއެވެ.