ހދ. ކުރިނބީގެ އަތިރިމަތިން 400އަށްވުރެ ގިނަ އަހަރުވީ އާސާރީތަކެތި ކަމަށް ބެލެވޭ ތަށިތަކެއް އަޅާފައި ހުރި ރުނބައެއް ފެނިއްޖެއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ އެރަށުން އާސާރީ ތަކެތި ކަމަށް ބެލެވޭ ތަށިތަކަކާއި ރުނބައެއް ފެނިފައި ވާކަމަށެވެ. އަސްލަމް ވިދާޅުވީ މި ތަކެތި ފެނިފައި ވަނީ އިއްޔެ އެރަށުގެ ދެކުނު ފަރާތަށް ހިނގާލަން ގޮސްއުޅުނު ބަޔަކަށް ކަމަށެވެ.
ވަޅުޖެހިފައިވާ ރުނބާ ކޮނެގެން ބެލިއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ، ކާން ބޭނުންކުރާ ތަށި ހުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
އަސްލަމް ވިދާޅުވީ، ކައުންސިލުން ބެލި ބެލުމުން މި ތަކެއްޗަށް 380 ނުވަތަ 400އަހަރު ވެފައިވާކަން ދެނެގަނެވިފައި ވާކަމަށެވެ.
މި ތަށިތަކާއި ރުނބާގެ ގިނަ ފޮޓޯތަކެއް އެރަށު ކައުންސިލުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައި ވެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ތަށި ވަނީ ރުނބަލުގެ ތެރެއިން ހޯދާފައެވެ. މި ހުރިހާ ތައްޓަކީ ވެސް ހުދުކުލައި ހުރި ތަށިތަކެކެވެ. ތަށި ޒީނަތްތެރި ކުރުމަށް ނޫކުލަ ބޭނުންކޮށްފައި ވެއެވެ.
އެތަކެތި މިހާރު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރިއިރު އެތަކެއްޗާ ބެހޭގޮތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާ، ކަމާގުޅޭ ވުޒާރާތަކާއި މިހާރު ދަނީ މަޝްވަރާ ކުރެވެމުން ދާކަމަށް ކުރިނބީ ކައުންސިލުން ވަނީ ބުނެފައެވެ.
އަސާރީ ތަކެތި ކަމަށް ބެލެވޭ ރުނބައަކާއި ތަށިތަކެއް އިއްޔެ ކުރިނބިން ފެނިފައި ވާއިރު، މިދިޔަ ހޯމަ ދުވަހު މާލޭގެ ގެއެއް ކޮންނަނިކޮށް ވަނީ އިހު ޒަމާނުގައި ބޭނުންކޮށް އުޅުނު އާސާރީ ބޮޑުބަޑިއެއް ވެސް ފެނިފައެވެ.