ކުޑަ އާބާދީއެއް އޮންނަ ހދ. ކުރިނބީގައި 100 އަހަރުގެ މީހަކު މިއަދު މަރުވެއްޖެއެވެ.
ކުރިނބީގައި މަރުވެފައިވަނީ، އެ ރަށުގެ ވައިލެޓްވިލާގޭގެ، ޢަލީ މޫސާ (އައްޔަބެ) އެވެ. އޭނާގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އެ ރަށު، މަސްޖިދުލް އީސާ ކަލޭފާނު މިސްކިތުގައެވެ.
ކުރިނބީ ކައުންސިލް މެންބަރު ފާތިމަތު ރިފާ "ސަން"އަށް މައުލޫމާތު ދެއްވި ގޮތުގައި، ޢަލީ މޫސާ މަރުވީ ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ވީ ފަހުންނެވެ. އޭނާގެ އަންހެނުން ވެސް މީގެ ކުރިން ދުނިޔެ ދޫކޮށްފައިވާއިރު، އޭނާގެ ހަތަރު ދަރިން ތިބި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެއީ ދެ ފިރިހެނުންނާއި ދެ އަންހެނުން ކަމަށްވާއިރު، ކާފަ ދަރިންނާއި މުނި ކާފަ ދަރިން ވެސް ދުނިޔޭގައި ތިބި ކަމަށް ރިފާ މައުލޫމާތު ދެއްވިއެވެ.
ކުރިނބީ ކައުންސިލް ރައީސް އަލީ ވިސާމް "ސަން"އަށް ވިދާޅުވި ގޮތުގައި، އައްޔަބެއަކީ މަސްވެރިކަމުގައި ވަރަށް ފާހަގަކޮށްލެވޭ މީހެކެވެ. އެގޮތުން ފަރުމަސްވެރިކަމާއި ގޮނޑުދޮށުން މަސްވެރިކަން ކުރުމުގައި ވެސް ވަރަށް ބޮޑަށް ހަރަކާތްތެރިވިއިރު، މާލެ ދަތުރުކުރުމުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރިކަން ވިސާމް ފާހަގަކުރެއްވިއެވެ.
އޭނާ މައުލޫމާތު ދެއްވި ގޮތުގައި، އައްޔަބެގެ ބައެއް ދަރީންނާއި ކާފަދަރީންނަކީ ވެސް މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ މީހުންނެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، ކުރިނބީގެ އާބާދީއަކީ 492 މީހުންނެވެ. އެ ބޯހިމެނުމުން ވަނީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އެ ބޯހިމެނުމުގެ ރިޕޯޓުން ދައްކާ ގޮތުގައި 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ އަދަދު 8,420 އަރާއިރު، 70 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންގެ އަދަދު 4,846އަށް އަރައެވެ. އަދި 75 އަހަރުން މަތީގެ މީހުންގެ އަދަދު 7,584އަށް އަރާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އުމުރުން 100 އަހަރު ވުމަކީ ދުނިޔޭގެ ނިސްބަތުން ވެސް ދިގު އުމުރެކެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި، 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ މީހުންގެ އުމުރުގެ ދިގުމިން ވަނީ ގާތްގަނޑަކަށް 81.3 އަހަރަށް އަރާފައެވެ. މީގެ މާނައަކީ، މިހާރު މީހުން މަރުވާ ނިސްބަތަށް ބަލާއިރު، ރާއްޖޭގައި އުފަންވާ މީހަކު ގާތްގަނޑަކަށް 81 އަހަރު ވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މީހުންގެ އުމުރުގެ ދިގުމިނަކީ، ސިއްހީ ފަރުވާ ލިބޭ މިންވަރާއި، ބަލިތަކުން ރައްކާތެރިވުމާއި އަދި ދިރިއުޅުމުގެ ވައްޓަފާޅި ފަދަ ކަންކަން ރަމްޒުކޮށްދޭ، ގައުމެއްގެ އާންމު ސިއްހަތާއި ދިރިއުޅުމުގެ ހާލަތު އަންގައިދޭ މުހިންމު މިންގަނޑެކެވެ.