ދިވެހިބަހުގެ ދުވަހުގެ ޝިއާރަކަށް ''ދިވެހިބަހުން ވިސްނަމާ''

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޚާއްޞަ ޝިއާރު "ދިވެހިބަހުން ވިސްނަމާ" ކަމަށް، ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވި ގޮތުގައި ބޮޑެތިވަމުން އަންނަ ކުދީން ދިވެހިބަހުން ވާހަކަދެއްކުމަށް ފަސްޖެހެއެވެ.

އަދި އެ ކުދީންނަށް ފުރަތަމަ ވިސްނެނީ އިނގިރޭސިބަހުންކަމަށާއި އެއަށްފަހު ވިސްނުމުގައި އޮންނަ ޖުމްލަ، ދިވެހިބަހަށް ތަރުޖަމާކުރާން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އެކެޑަމީން ވިދާޅުވީ މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރުގެ މައިގަނޑު މަގުސަދަކީ އިނގިރޭސިބަހުން ފުރަތަމަ ވިސްނުމުގެ ބަދަލުގައި އެންމެ ފުރަތަމަ ވެސް ދިވެހިބަހުން ވިސްނުމުގެ އާދަ އަށަގެންނެވުން ކަމަށެވެ.

ބޮޑެތިވަމުން އަންނަ ކުދީންގެ ކިބައިގައި ދިވެހިބަހާމެދު އޮންނަ ޝައުގުވެރިކަން ކުޑަވުމަކީ މި ފަހަކަށް އައިސް ކަންބޮޑުވުން އުފެދިފައި އޮތް މައްސަލައެކެވެ.

އެހެންވެ, އެ ކުދީން ދިވެހިބަހަށް ޝައުގުވެރި ކުރުވުމަށް ޓަކައި ދިވެހިބަހުގެ އެކެޑަމީން އެކިއެކި ހަރަކާތްތައް ހިންގަމުންދެއެވެ. އޭގެ ތެރޭގައި މާދަރީބަހުގެ ދުވަހާއި، ދިވެހިބަހުގެ ދުވަހެއްގެ އިތުރުން، ޅެންވެރީންގެ ދުވަހެއް ވެސް ކޮންމެ އަހަރަކު ކުލަގަދަކޮށް ފާހަގަކޮށް، އެ ދުވަހެއްގެ މުނާސަބަތުގައި އެކިއެކި ހަރަކާތްތައް ހިންގައެވެ.

ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން، ދިވެހިބަހުގެ ދުވަހެއް ފާހަގަ ކުރުމަށް ސަރުކާރުން ނިންމީ ޖެނުއަރީ 21، 2015ގައެވެ.

ދިވެހިބަހުގެ ދުވަހަކީ 14 އެޕްރީލް ކަމަށް ސަރުކާރުން ކަނޑައެޅީ، އެ ދުވަހަކީ ރާއްޖޭގެ މަޝްހޫރު އަދީބު އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން އުފަންވެވަޑައިގެންނެވި ދުވަސް ކަމުގައިވާތީއެވެ.

މިއީ ދިވެހިބަހުގެ ދުވަސް ފާހަގަކުރާ 10ވަނަ ފަހަރެވެ.

comment ކޮމެންޓް