މިރޭ ރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަކީ ހިސާބުން ދޭހަވަނީ، މާދަމާ ވާނީ ރޯދަމަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ.
ޝައްވާލް މަހުގެ ހަނދު ބެލުން މިރޭ އޮންނައިރު އިސްލާމިކް މިނިސްޓްރީން ވަނީ އެކަމުގެ ތައްޔާރީތައް ފޮޓޯ މެދުވެރިކޮށް އެކްސްގައި ހިއްސާކޮށްފައެވެ.
ސައުދީ އަރަބިއާގެ ސުޕްރީމް ކައުންސިލުން ވެސް ވަނީ މިރޭ ހަނދު ބަލާނެކަން ހާމަކޮށްފައެވެ.
ފަލަކީ އިލްމުވެރިންނާއި ދީނީ ކޮމިޓީތަކުން ލަފާކުރާ ގޮތުން ޝައްވާލް މަހުގެ ހަނދު މިރޭ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
ހަނދު ނުފެނިއްޖެނަމަ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް އަދި ފިތުރު އީދު ދުވަހަށް ވާނީ މި މަހުގެ 10 ވާ ބުދަ ދުވަހެވެ.