މައުލޫމާތު ނުދީގެން އައިކޮމްއަށް ހުށަހެޅި މައްސަލަ %58 އިތުރުވެއްޖެ

'މަހޯލި' ޕޯޓަލް ތައާރަފު ކުރައްވެމުށްފަހު އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

ދައުލަތުގެ އެކި އިދާރާތަކުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅައިގެން، މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް މިދިޔަ އަހަރާ ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 58 ޕަސެންޓު މައްސަލަ ހުށަހަަޅައިފިއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 139 ކޭސް ހުށަހަޅައިފައިވާ ކަމަށެވެ.

އެއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 58 ޕަސެންޓް އިތުރު އަދަދެއް ކަމަށް އާހިދު ވިދާޅުވިއެވެ. އޭގެ ތެރެއިން 90 ޕަސެންޓު މައްސަލަތަކަކީ ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހޯދަން އެދި ހުށަހަޅައިގެން ޖަވާބު ނުދީގެން ހުށަހެޅި މައްސަލަތައް ކަމަށެވެ.

އާހިދު ވިދާޅުވީ މި ކުއާޓަރުގައި މަހޯލި ޕޯޓަލް މެދުވެރިކޮށް 581 ރިކުއެސްޓު ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އިދާރާތަކުން ބަލައިގެންފައިވަނީ 48 ޕަސެންޓު ރިކުއެސްޓު ކަމަށް އޭނާ ފަހަގަކުރެއްވިއެވެ.

ހަމައެއާއެކު ޕޯޓަލަށް ހުށަަހެޅި އަދަދުގެ 12 ޕަސެންޓު ރިކުއެސްޓު އިސްތިއުނާފުކުރަން ހުށަހަޅައިފައިވާކަމަށް ވެސް އާހިދު ވިދާޅުވިއެވެ. މި އަދަދު ކުރިއަށް ހުރި ދުވަސްތަކުގައި އިތުރުވުން ގާތްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާވަނީ ސަރުކާރުގެ ގިނަ އިދާރާތަކުން ހަރުދަނާ ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުމުގައި ނުކުޅެދިފައިވާކަން ފާހަގަކުރައްވައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ މަނިކުފާނުވަނީ މި ސަރުކާރަކީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ހިންގާނެ ސަރުކާރެއް ކަމަށް ފާހަގަކުރައްވައިފައެެވެ.

އަދި ނޫސްވެރިންނަށް ސުވާލުތަކަށް ޖަވާބު ނުލިބިގެން އުޅެން ނުޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް