އިދާރާތަކުން އެއްބާރުލުން ނުދިންކަމަށް ބުނެ ޕީއެންއެފް އުފައްދާ ޖަލްސާ ފަސްކޮށްފި

ޕީއެންއެފްގެ އިސްވެރިން -- ސަން ފޮޓޯ/ މުހަައްމަދު މާވީ

ދައުލަތުގެ އެކި އިދާރާތަކުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އުފައްދަަވަން މަސައްކަތްޕުޅުކުރައްވަމުން އަންނަ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން ބާއްވާ ޖަލްސާ ފަސްކުރަން ނިންމައިފިއެވެ.

ޕީއެންފް އުފެއްދުމަށް ހުށަހެޅި 3000 ފޯމު ސައްހަ ކަމަށް ބަލައި ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.

އެއާއެކު އެ ޕާޓީން ނިންމީ މިއަދު ޕާޓީ އުފައްދާ ޖަލްސާ ބާއްވާށެވެ. ނަމަވެސް އެ ޕާޓީގެ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ އެ ޖަލްސާ ބޭއްވުމަށް ޓަކައި އިދާރާތަކުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ކަމަށެވެ.

އެހެންވެ މިރޭގެ ޖަލްސާ ފަސްކޮށް، އެހެން ރެޔަކު ބާއްވަން ނިންމީ ކަމަށް މަލީހު ވިދާޅުވިއެވެ.

"ޕީއެންއެފް ނުހުއްޓުވޭނެ،" އޭނާ ވިދާޅުވިއެވެ.

އެ ޕާޓީން ބުނީ ދެން ޖަލްސާ އޮންނާނީ މާދަމާ ރޭ 9:15ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި ކަމަށެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްނަންގަވައިގެން އުފައްދަވާ މި ޕާޓީ އުފައްދަން ބައްދަލުވުން ބާއްވަން ހުއްދަ ދިނީ އެ މަނިކުފާނުގެ ދަރިކަލުން ޒެއިން ޔާމީން އަބްދުލްގައްޔޫމަށެވެ.

ޕީއެންއެފް އުފައްދަން މީގެކުރިން ހުށަހެޅި 3000 ފޯމުން ސައްޙަވީ 1976 ފޯމެވެ. އެގޮތުން އެ ފޯމްތަކުގެ ތެރެއިން 1,313 ފޯމް ފުރިހަމަ ކުރުމަށް އިތުރަށް ފުރުސަތު އޭރު ދިންއިރު 81 ފޯމް އީސީން ރިޖެކްޓުކޮށްފައިވެއެވެ. މައްސަލަ ޖެހުނު ފޯމްތަކުގައި ހުރީ ތާރީޚުގެ މައްސަލަ ކަހަލަ ކުދި އިދާރީ މައްސަލަތައް ކަމަށް ވެސް އީސީން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

މިދިޔަ ނޮވެމްބަރު މަހު އެ ޕާޓީ އުފައްދަން ހުއްދަ ދިނުމާ އެކު، އެ މަސައްކަތުގައި އިސްކޮށް އުޅުއްވައި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އޭރު ވިދާޅުވީ، އަމާޒަކީ 24 ގަޑިއިރު ތެރޭގައި ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް ފޯމު ހަމަކޮށް، އީސީއަށް ހުށަހެޅުން ކަމަށެވެ.

އެކަމަކު، އެ މަސައްކަތް ދިގުލައިގެން ދިއުމުން މިދިޔަ ޑިސެމްބަރު މަހު މަލީހާ ސުވާލުކުރުމުން ވިދާޅުވީ 3،000 މެންބަރުންގެ ފޯމު ހަމަވި ނަމަވެސް އީސީއަށް ހުށަހެޅުން ލަސްކުރަނީ ޔާމީން މިނިވަންވަންދެން ކަމަށެވެ.

މިދިޔަ ޑިސެމްބަރު 25، 2022 ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން އަދިވެސް ހުންނެވި ހުކުމުން ސަލާމަތް ނުވެއެވެ.

comment ކޮމެންޓް