ވިޖޭގެ ބަތަލާއަކީ މިފަހަރު މްރޫނާލް ތާކުރު

ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު ވިޖޭ ދެވަރަކޮންދާގެ ކުރިޔަށް އޮތް ފިލްމު "ފެމިލީ ސްޓާ"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

މި ފިލްމުގައި ވިޖޭއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ މިހާރު ގިނައިން ސައުތު ސިނަމާގެ ފިލްމުތަކުން ފެންނަ އުއްމީދީ ބަތަލާ މްރޫނާލް ތާކުރުއެވެ.

މި ފިލްމަކީ ސައުތު ސިނަމާގެ މަގުބޫލު ޑައިރެކްޓަރު ޕަރަސުރަމް ގެނެސްދޭ ލޯބީގެ ކޮމެޑީ ފިލްމެކެވެ. ޕަރަސުރަމް އަކީ 2022ވަނަ އަހަރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތެލުގޫ ފިލްމު "ސަރްކަރޫ ވާރި ޕާތާ"ގެ ޑައިރެކްޓަރެވެ. އެ ފިލްމަކީ ތެލުގޫ ސުޕަސްޓާ މަހޭޝް ބާބޫ ލީޑް ރޯލް ކުޅުނު ފިލްމެކެވެ.

ވިޖޭއާ އެކު މްރޫނާލް ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނަ "ފެމިލީ ސްޓާ"އަކީ މެދު ފަންތީގެ ދިރިއުޅުމެއްގައި އުޅެމުން އަންނަ ޒިންމާދާރު މީހަކާ ފުދުންތެރި އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ލޯބީގެ ވާހަކަތައް ކިޔައިދޭ ލޯބީގެ ޑްރާމާއެކެވެ. މި ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ވިޖޭއާ މްރޫނާލްގެ އޮން ސްކްރީން ކެމިސްޓްރީއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ވިޖޭ އާއި މްރޫނާލް ފިލްމު "ފެމިލީ ސްޓާ"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ


ފިލްމު "ލައިގާ"އިން ބޮލީވުޑަށް ތައާރަފްވެފައިވާ ވިޖޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "ޚުޝީ"އިންނެވެ. ބަތަލާ ސަމަންތާ ޕްރަބޫއާ އެކު ވިޖޭ ލީޑް ރޯލް ކުޅުނު މި ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް ބެލުންތެރިންގެ މެދުގައި ފިލްމަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. ފިލްމު "ލަވް ސޯނިއާ"އިން ފިލްމީ ދާއިރާއަށް ތައާރަފްވި ޓީވީ ތަރި މްރޫނާލް އަކީ ފިލްމު އިންޑަސްޓްރީގައި ހާއްސަކޮށް ސައުތު ސިނަމާގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ބަތަލާއެވެ. ބޮލީވުޑުން ބަތަލާއަށް ލޯބީގެ ފިލްމުތަކުން ލިބޭ ފުރުސަތު މަދުކަމާ ހުރެ މްރޫނާލް ނިންމާފައި ވަނީ ސައުތު ސިނަމާއިން ލިބޭ ފުރުސަތުތަކަށް ބޮޑަށް އިސްކަން ދިނުމަށެވެ. މްރޫނާލްގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ހައި ނާނާ" ހިންދީ ބަހުން ވެސް ރިލީޒްކޮށްފައި ވާއިރު މިއީ ބެލުންތެރިންގެ ތައުރީފު ވަރަށް ބޮޑަށް ބަތަލާއަށް ލިބުނު ފިލްމެކެވެ.

comment ކޮމެންޓް