އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުން ފައިބައިފި

ޣައްޒާގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލު އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިން ވަނީ އެ ސަރަހައްދުން ފައިބައިފައި. ފޮޓޯ/ރޮއިޓާސް

ޣައްޒާގެ ދެކުނުގައި ތިބި އިސްރާއީލުގެ ބައެއް ސިފައިން އަނބުރާ ގެންދިއުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ނިންމައިފިއެވެ.

އަސްކަރިއްޔާއިން އެގޮތަށް ނިންމައިފައި ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ މަޝްވަރާތަކަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އެކުލަވައިލައިފައިވާ ޓީމުން މަޝްވަރާތައް ކުރުމަށް މިސްރަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އަސްކަރިއްޔާގެ ތަރުޖަމާނު ބުނީ އެ ސަރަހައްދުގައި މިހާރު ތިބޭނީ އެންމެ ބްރިގޭޑެއް ކަމަށެވެ. ނަމަވެސް ސިފައިން މަދުކުރަނީ ކީއްވެގެން ކަމެއް އިސްރާއީލުން ހާމައެއްނުކުރެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ގިނައިން ހަމަލާތައް އަމާޒުކުރަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހް އަށެވެ.

ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމުން ވަނީ އިންސާނީ އެހީއަށް ނުހަނު ބޮޑަށް ބޭނުންޖެހިފައެވެ. ނަމަވެސް އިސްރާއީލުން އަޅައިފައިވާ އެކިވަރުގެ ހުރަސްތަކާހެދި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެހީދޭ ޖަމާއަތްތަކަށް ވަނީ ނުކުޅެދިފައެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުގެ އެންމެ ގާތް އެކުވެރި އެމެރިކާއިންވެސް އަންނަނީ ޕްރެޝަރު ކުރަމުންނެވެ.

އަނެއްކޮޅުން ހަނގުރާމަ ހުއްޓައިލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް އައުމުގެ މަގުސަދުގައި އާ ބުރެއްގެ މަޝްވަރާތައް ބާއްވަން މިސްރުން އަންނަނީ ތައްޔާރުވަމުންނެވެ. އެ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް އިސްރާއީލާއި ހަމާސް އިންވެސް ވަނީ ބުނެފައެވެ.

ހަމާސްއިން ހިފަހައްޓައިފައިވާ ރަހީނުން ދޫކޮށްނުލަނީސް ހަނގުރާމަ ހުއްޓައިލަން އެއްބަސްނުވާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ހަމާސްއިން ބުނީ ހަނގުރާމަ ހުއްޓައިލުމަށް އެކުލަވައިލާ އެއްބަސްވުމުގައި ހަނގުރާމަ އެއްކޮށް ހުއްޓައިލައި ޣައްޒާގެ ހުރިހާ ސަރަހައްދުތަކަކުން އިސްރާއީލުން ސިފައިން ފައިބާން ޝަރުތުކޮށްފައި އޮންނަންޖެހޭނެ ކަމަށެވެ. އަދި އާންމުންގެ މިނިވަން ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް ހަމާސްއިން ބުނެއެވެ.

comment ކޮމެންޓް