މަނީޝާ ކޮއިރަލާގެ ތައުރީފު ޑައިރެކްޓަރު ބަންސާލީއަށް

ބަތަލާ މަނީޝާ ކޮއިރަލާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ކުރިޔަށް އޮތް މެއި މަހުގެ އެއްވަނަ ދުވަހު ނެޓްފްލިކްސްއިން ޕްރިމިއަކުރާ ވެބް ސީރީސް "ހީރާމަންޑީ"ގެ ބަތަލާ މަނީޝާގެ ހުރިހާ ތައުރީފެއް ވެސް ބަންޑުންކޮށްލީ މި ވެބް ސީރީސްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށެވެ.

ސަންޖޭ ލީލާ ބަންސާލީގެ ކެރިއަރުގެ އަލަތު ވެބް ސީރީސް އަކީ މަނީޝާއާ ބަންސާލީ އެކީގައި މަސައްކަތް ކުރި ފިލްމު "ޚާމޯޝީ"އަށް ފަހު 28 އަހަރު ފަހުން ދެ މީހުންވެސް އެކީގައި މަސައްކަތްކުރި ފުރަތަމަ ސީރީސްއެވެ.

މީގެކުރިން ކެންސަރު ބައްޔާ ހަނގުރާމަކޮށް އެ ބަލިން ފަސޭހަވެފައިވާ 90އިގެ ބަތަލާ ބުނީ ކެންސަރު ބަލިން ފަސޭހަވެ ދެވަނަ ދިރިއުޅުމަކަށް ފުރުސަތު ލިބުމަކީ އޭނާގެ ރައްބަށް ޝުކުރު އަދާކުރާ ކަމެއްކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމުން އޭނާއަށް އާ ފިލާވަޅުތަކެއް ދަސްވިކަމަށެވެ.

ސަންޖޭ ބަންސާލީގެ ފަރާތުން ވެބް ސީރީސް "ހީރާމަންޑީ" ހުށަހެޅުމާއެކު ދެވަނަ ވިސްނުމަކަށް ނުގޮސް އެ ހުށަހެޅުން ގަބޫލުކުރީ ޕްރޮޑިއުސަރު ސަންޖޭއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ކަމަށް މަނީޝާގެ ދިގު އިންސްޓަގްރާމް ޕޯސްޓުގައި ވަނީ ބުނެފައެވެ.

ޕްރޮޑިއުސަރު/ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވެބް ސީރީސް "ހީރާމަންޑީ"ގެ ބަތަލާއިންނާ އެކު--ފޮޓޯ/އެންޑީޓީވީނިއުސް

މީގެ 28 އަހަރު ކުރިން ސަންޖޭއާ އެކު މަސައްކަތްކުރި އިރު ކުރެވުނު ތަޖުރިބާ އާއި މިހާރުގެ ތަޖުރިބާއާ މާބޮޑު ތަފާތެއް ނެތްކަން މަނީޝާ ވަނީ ފާހަގަކޮށްފައެވެ. ސަންޖޭ އަކީ ކާމިޔާބު ފިލްމު އުފެއްދުންތެރިއެއް ކަމުން މި ދާއިރާއަށް ކުރިޔަށްވުރެ ބޮޑަށް އޭނާގެ ލޯ ހުޅުވިފައިވާއިރު އޭރުވެސް އަދި މިހާރު ވެސް ސަންޖޭ އެންމެ ބޮޑު އިސްކަމެއްދެނީ އޭނާގެ ތަސައްވަރުގައިވާ ކަންކަން ސިނަމާއަށް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ކަމަށާއި އެއީ ބަދަލުނުވާ ސިފައެއް ކަމަށް 48 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ މަނީޝާ ކޮއިރަލާ އަދި ސަލްމާން ޚާން ފިލްމު "ޚާމޯޝީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ނުވަދިހައިގެ އަހަރުތަކުގެތެރޭ ހިންދީ ސިނަމާގައި އެންމެ ވިދާލިން ބަތަލާއިންގެތެރޭ ހިމެނޭ މަނީޝާ މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ ނޭޕާލުގައި ދިރިއުޅޭ އޭނާގެ މައިންބަފައިންނާއި އާއިލާއާ އެކު ވަގުތު ހޭދަކުރުމަށެވެ. މީގެކުރިން އެންމެ މޮޅު ފިލްމު ކުޅެން އިސްކަންދީ ސިޓީގައި ދިރިއުޅެން ބޭނުންވި ނަމަވެސް މިހާރު މަނީޝާ ބޭނުންވަނީ މަނީޝާ އިހުތިރާމްކުރާ ޕްރޮޑިއުސަރުންނާ އެކު މަސައްކަތް ކުރުމަށް ކަމަށާއި އަހަރަކު އެއް ފިލްމުގައި މަސައްކަތް ކުރުމަށެވެ. މަނީޝާ އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ ކާތިކް އާރްޔަން މުހިއްމު ރޯލް ކުޅުނު ފިލްމު "ޝެހެޒާދާ"އިންނެވެ. މި ފިލްމުގައި ބަތަލާ ކުޅެފައި ވަނީ ކާތިކްގެ މަންމަގެ ރޯލެވެ.

comment ކޮމެންޓް