ސުނާމީ ބިނާ ސަރަހައްދަށް ކުޑަކުއްޖަކު ގެންގޮސް އަނިޔާ ކުރި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އެއް ދުވަހެއްގެ ފަތިހު ސުނާމީ ބިނާ ސަރަހައްދުގައި އޮންނަ ހުސް ބިމަށް ކުޑަ ކުއްޖަކު ގެންގޮސް އަނިޔާ ކުރި މައްސަލައިގައި ދައުލަތުން ދެ މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ.
ދައުލަތުން މި މައްސަލައިގައި ދައުވާ ކުރި ދެ މީހުންނަކީ، އިބްރާހީމް ނާއިލް، ވ.ރަކީދޫ / ވިލާޑީލައިޓް އަދި މުޙައްމަދު އަޔާޒް، ރ. ދުވާފަރު / ފިނިރޯޅިއެވެ.
މީގެ ތެރެއިން ނާއިލްގެ މައްޗަށް ދައުލަތުންވަނީ ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ދައުވާއާއި، އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައެވެ. އަޔާޒްގެ މައްޗަށް ކުރީ، ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ދައުވާއެވެ.
ދެ މީހުންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން، އަޔާޒްގެ މައްޗަށް ކުރި ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ދައުވާގެ މައްސަލަ އަދި ކޯޓުން ނުނިމެއެވެ.
ނާއިލްގެ މައްޗަށް ކުރި ރުހުމެއްނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް މިދިޔަ ހަފުތާގައިވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށް ސާބިތުވެ، އެއް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވިއެވެ.
މި ދެ މައްސަލައިގެ ޝަރިއަތުގައިވެސް ނާއިލްވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވެފައިވާތީ ދެ މައްސަލައިގެ ޝަރިއަތްވެސް ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ. ދެ މައްސަލަވެސް ކްރިމިނަލް ކޯޓުގައި ބެލީ، ގާޒީ އަލީ ނަދީމްއެވެ.