އިސްރާއީލްގައި ހިންގާ މެކްޑޮނާލްޑްސް ރެސްޓޯރެންޓުތައް އަނބުރާ ގަންނަނީ

އިސްރާއީލުގައި ހިންގަމުން އަންނަ މެކްޑޮނަލްޑްސް ރެސްޓޯރަންޓުތައް ޕާޓްނަރުން އަތުން ގަތުމަށް މެކްޑޮނަލްޑްސްގެ މައި ކުންފުނިން ވަނީ ނިންމައިފައި. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުގައި ހިންގަމުން އަންނަ މެކްޑޮނަލްޑްސް ރެސްޓޯރަންޓުތައް ޕާޓްނަރުން އަތުން ގަތުމަށް މެކްޑޮނަލްޑްސްގެ މައި ކުންފުނިން ނިންމައިފިއެވެ.

އެ ކުންފުނިން އެގޮތަށް ނިންމީ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާއާ ގުޅިގެން ކުންފުނި ބޮއިކޮޓް ކުރަން ގޮވައިލުމާ ގުޅިގެން ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގައި ހުންނަ މެކްޑޮނަލްޑްސްގެ ފްރެންޗައިޒީ އަލޮނިއަލް ކުންފުންޏާއެކު އިސްރާއީލުގައި ހިންގާ 225 ރެސްޓޯރެންޓެއް ގަތުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މެކްޑޮނާލްޑްސްއިން ބުނެއެވެ. އެ ރެސްޓޯރެންޓުތަކުގައި ޖުމްލަ 5000 މުވައްޒަފުން މަސައްކަތްކުރެއެވެ.

މެކްޑޮނާލްޑްސްއަށް ފާޑިކިޔުންތައް އަމާޒުވެ، ބޮއިކޮޓް ކުރަން ގޮވައިލައިފައި ވަނީ އަލޮންޔާލް ކުންފުނިން އިޒްރޭލު ސިފައިންނަށް ހިލޭ ކެއުންތައް ބަހަން ފެށުމުންނެވެ.

އޮކްޓޯބަރު މަހު ފެށި ހަނގުރާމައާ ގުޅިގެން މެކްޑޮނަލްޑްސްގެ ވިޔަފާރި މެދު އިރުމަތީ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މެކްޑޮނަލްޑްސް ރެސްޓޯރަންޓުތައް ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑުތައް އެންމެ ގަދައަށް އިވިގެން ގޮސްފައި ވަނީ ކުވެއިތު، މެލޭޝިއާ އަދި ޕާކިސްތާނު ފަދަ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައެވެ.

މި ބޮއިކޮޓް ހަރަކާތުގެ ސަބަބުން މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓްތަކަށް ގާތްގަނޑަކަށް 700 މިލިޔަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް އެ ކުންފުނީގެ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް