ކޮންމެ ވައްތަރެއްގެ ކެއުމެއް ތައްޔާރުކުރި ނަމަވެސް ގިނަ ކެއުންތަކަކީ ތެލާ ނުލާ ތައްޔާރު ނުކުރެވޭ ކެއުންތަކެކެވެ. ބައެއް މީހުން ތެލުގެ ބަދަލުގައި ގިތެޔޮ ނުވަތަ ބަޓަރު ބޭނުންކުރި ކަމަށް ވިޔަސް ކެއްކުމަށްފަހު ކޮންމެވެސް މިންވަރެއް ތެލީގައި ބާކީވެފައި ހުރެއެވެ.
އާއްމުގޮތެއްގައި ކުޑަ ކުޑަ ތެޔޮ ފޮދެއް ބާކީވެފައި ހުރިއްޔާ އެންމެ ފަސޭހައިން އެއިން ސަލާމަތްވުމަށް ކުރެވޭ ކަމަކީ ބަދިގޭ ސިންކަށް ތެޔޮ އަޅާލުމެވެ. އެހެންނަމަވެސް މިއީ ނޭނގި ނަމަވެސް ކަށީގައި ހަރުލާފައިހުރި ނުރަނގަޅު އާދައެކެވެ. ބަދިގޭ ސިންކަށް ތެޔޮ އޮއްސާލުމުން އެހިސާބުން އެކަން ނިމުނީއެއް ނޫނެވެ. އޭގެ ސަބަބުން ސިންކުގެ ފެން ދައުރުކޮށްދޭ ހޮޅީގައި ތަތްލަވާ ސިންކު ބެދި ފަހުން ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ.
ގިނަ ފަހަރަށް މިފަދަ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމަށް ހައްލު ލިބެނީ ޕްލަމްބާއެއް މެދުވެރިކޮށެވެ.
ކެއްކުމަށް ފަހު ބާކީވާ ތެލަކީ ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ ތެލެއް ނަމަ ރީތިކޮށް ފުރާނާލުމަށްފަހު އެ ތެޔޮ ފަހަށް ރައްކާކުރެވިދާނެއެވެ. ހާއްސަކޮށް ވަރަށް އަވަސް އަވަހަށް ޑީޕް ފްރައިޑް ތެޔޮ އެއްޗެތި ތައްޔާރުކުރާ ގެއެއް ނަމަ މިއީ އެކަމަށް އޮތް ހައްލެކެވެ. މި ގޮތަށް ތެޔޮ ރައްކާ ކުރާއިރު އަނދިރި ތަނެއްގައި ރައްކާ ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
މަދުމިންވަރެއްގެ ތެޔޮ ކޮޅެއް އުކާލަން ބޭނުންވެއްޖެނަމަ ތެލި ނުވަތަ ތަވާގެ ތެރެއަށް ބޯ ޓިޝޫއެއް ނުވަތަ އުއި ފޮތިކޮޅެއް ލުމަށްފަހު ތެލުން އެ ފޯވަންދެން ބާއްވާށެވެ. އެއަށްފަހު އެހެން ކުނިތަކާއެކު އެ ވެސް އުކާލާށެވެ.
އާއްމުކޮށް ހެދިކާ ފަދަ ތަކެތި ތެލުލުމަށްފަހު ވަރަށް ގިނަ އަދަދެއްގެ ތެޔޮ ބާކީ ހުރެއެވެ. މި ތެޔޮ އެތި ދެވަނަ ފަހަރަށް ބޭނުންނުކޮށް އުކާލަން ބޭނުންވާނަމަ ރަނގަޅަށް މަތިޖަހާ ބާރުކުރެވޭ ކަހަލަ ބޭނުންނުކުރާ ޕްލާސްޓިކް ތަށްޓެއް ނުވަތަ ފުޅިއަކަށް ތެޔޮ އަޅާލާށެވެ. އެއަށްފަހު އެ ތެޔޮ އެތި ފްރީޒަރަށް ލުމަށްފަހު ރަނގަޅަށް ގަނޑުވުމުން ކުނިތަކާއެކީ އުކާލާށެވެ. މީގެ އިތުރުން ތެޔޮ ވެއްޔާ އެއްކުރުމަށްފަހު އުކާލުމަކީ ވެސް ބައެއް މީހުންކުރާ ކަމެކެވެ. އަދި ފޮއިލް ކޮތަޅުތަކަށް ތެޔޮ އެޅުމަށްފަހު ރަނގަޅަށް ބަންދުކޮށް އުކާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.
ތެޔޮ ނައްތާލުމަށް ބައެއް މީހުން ސިންކުގެ ބަދަލުގައި ފާޚާނާ ތަށްޓަށް ވެސް އަޅައެވެ. މިއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި މި ފަދަ އަމަލުތައް ގިނަވެއްޖެނަމަ ފާޚާނާ ހޮޅި ބެދުންފަދަ ކަންކަން އާއްމުވެ އަވަށްޓެރިންނަށް ވެސް އެކަމުގެ އުނދަގޫ ފޯރާނެއެވެ. ވީއިރު ކެއްކުމަށްފަހު ބާކީވާ ތެޔޮތައް އުކާލުމުގެ ކުރިން މި ދެންނެވުނު ކަންކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.