ޔާމީންގެ ފްލެޓް ލިސްޓުގައި ހިމެނުނު އެތައް ބަޔަކު ޞާލިޙް ހަމައެއް ނެތި އުނިކުރި: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިޔާ ފްލެޓް ސަރަހައްދުގައި: ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުން، ރައީސް ޞާލިޙް އެތައް ނަމެއް އުނިކުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނުނު އެތައް ބަޔަކު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހަމައެއް ނެތި ލިސްޓުން އުނިކުރި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ.

ކޮންމެ ދުވަހަކު އާންމުކުރާ ރައީސްގެ ޖަވާބު ޕްރޮގްރާމްގެ މިއަދުގެ ވީޑިއޯގައި މާލެ ސިޓީ، މމޚ ދަފްތަރު 12152، މުޙައްމަދު ސަލީމް ވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައި ފްލެޓް ދާއިމީ ލިސްޓުގައި ހިމެނި، މިދިޔަ ސަރުކާރުން ފްލެޓް ނުދީ ތިބި ރައްޔިތުންނަށް، މި ސަރުކާރުން ފްލެޓް ލިބޭނެތޯ ސުވާލު ކޮށްފައެވެ.

މި ސުވާލަށް ޖަވާބު ދެއްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން ފަށާ އެންމެ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތަކުން، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނި ފްލެޓް ނުލިބުނު މީހުންނަށް ފްލެޓު ދޭނެ ކަމަށެވެ. އަދި މި އަހަރުތެރޭ އެ މަޝަރޫއުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރު ނިމުނު އިރުގައި ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތައް ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން، އޭގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެސް ހަމައެއް ނެތި އުނިކޮށްލާފައި ވަނީ،" ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކޮށް ފްލެޓު ދޭނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް އިމާރާތްކޮށް އެތަނުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނެރުނެވެ. ނަމަވެސް އެ ފްލެޓުތައް ދީފައި ވަނީ އިންސާފުން ނޫން ކަމަށް ބުނެ އެ މައްސަލަ ބަލަން ޞާލިޙްގެ ސަރުކާރުގައި ކޮމިޓީއެއް އެކުލަވާލިއެވެ. އެ ކޮމިޓީން މައްސަލަ ބެލުމަށް ފަހު އެކުލަވާލި ލިސްޓުގައި ކުރީގެ ލިސްޓާ އަޅާ ބަލާއިރު ތަފާތުތަކެއް ހުއްޓެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި ސަރުކާރުން ވަނީ "ރަސް މާލެ"ގެ ނަމުގައި ބޮޑު މަޝްރޫއެއް ވެސް ފުށިދިއްގަރު ފަޅުގައި ފަށާފައެވެ.

comment ކޮމެންޓް