ޒައިތޫނި: ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ހިމެނުން މުހިއްމު ބާވަތެއް

ޒައިތޫނި: އެތައް ބައްޔަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ މޭވާއެއް--ފޮޓޯ/އިސްލާމިކްފައިންޑަ

ޒައިތޫނި އަކީ ވިޓަމިން އީ އާއި އެހެނިހެން ބާރުގަދަ އެންޓިއޮކްސިޑެންޓްތައް ވަރަށް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. ޒައިތޫންޏާ ބެހޭގޮތުން ތަފާތު ގިނަ ދިރާސާތަކެއް ކުރެވިފައިވާއިރު މިއީ ހިތުގެ ބަލިތަކަށް ޝިފާއެކެވެ.

މީގެ އިތުރުން އޮސްޓިއޯޕޮރޯސިސް އާއި ކެންސަރުން ހަށިގަނޑު ރައްކާތެރިކޮށްދޭ އެއްޗެކެވެ. ޒައިތޫނީގައި ހިމެނޭ ސިއްހަތަށް ފައިދާހުރި ފެޓްތައް ބޭނުންކޮށްގެން މެޑިޓެރޭނިއަން ކާނާގެ އެންމެ މައިގަނޑު އެއް ބައި ކަމަށްވާ ޒައިތޫނި ތެޔޮ އުފައްދައެވެ.

ދިވެހީންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޒައިތޫންޏަކީ ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ މީހުންގެ މެދުގައި އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. ޒައިތޫނި ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ސެލެޑްތައް ތައްޔާރުކުރާއިރު މިއީ ސޭންޑްވިޗް މަސްގަނޑު ތައްޔާރުކުރުމަށްފަހު ޓޮޕިންގްއަށް ވެސް މިހާރު ގިނަ ބަޔަކު ބޭނުންކުރާ ބާވަތެކެވެ.

މީގެ އިތުރުން ބައެއް މީހުން ކެއުންތަކުގައި ހުހަށް ވެސް ޒައިތޫނި ކައި އުޅެއެވެ. އެފްރިކާ އަދި ޔޫރަޕްގެ ޤައުމުތަކުގައި ނުވަދިހަ އިންސަތައް ޒައިތޫނި ބޭނުންކުރަނީ މާކެޓުގައި ބޮޑު ޑިމާންޑެއް އޮތް ޒައިތޫނި ތެޔޮ އުފެއްދުމަށެވެ.

ޒައިތޫންޏަކީ ކެލޮރީސް، ޕްރޮޓީންސް، ކާބްސް، ހަކުރުގެ މާއްދާ، ފައިބަ އަދި ސަރުބީ (ފެޓް) ވަރަށް މަދު މިންވަރަކަށް އެކުލެވޭ ބާވަތެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން ދަށްވުމާއި، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ ކެންސަރު ބައްޔާ ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ޒައިތޫނު ތެލަކީ ކެއްކުމުގެ އިތުރުން ގައިގެ ހަންގަނޑާއި އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ބަހައްޓަން ބޭނުންނަމަ މުހިއްމު ބާވަތެއް--ފޮޓޯ/ދަގާޑެނަ.ކޮމް

އިސްލާމީ ނަޒަރަކުން ބަލާއިރު ވެސް ޒައިތޫންޏަކީ އިސްލާމީ ޤައުމުތަކުގައި ވަރަށް ބޮޑު އިހުތިރާމަކާއި ލޯތްބެއް ދެވިފައިވާ މޭވާއެއް އަދި ގަހެއް ވެސްމެއެވެ. ޒައިތޫނީގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ބަޔާންވުމުން ވެސް މިއީ އިންސާނާގެ ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދޭ މޭވާއެއްކަން އެއޮތީ ފެންނާށެވެ.

ދިވެހީން ސިއްހަތަށް ދޭންފެށި ހާއްސަ ސަމާލުކަމާ އެކު ގިނަ ގޭގޭގައި ޒައިތޫނި ތެޔޮ ބޭނުންކުރާ މަންޒަރަކީ ވަރަށް ވެސް އުފާވެރި މަންޒަރެކެވެ. ކެއްކުމަށް ބޭނުންކުރުމުގެ އިތުރުން ޒައިތޫނި ތެލަކީ އިންސާނާގެ އަތްތިލަ އާއި ފައިތިލައިގެ ހަންގަނޑު ރީތިކޮށް އޮމާންކޮށްދިނުމަށް އެހީތެރިވެދޭ ތެލެކެވެ. އެހެންކަމުން މިއީ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް އަދި ދިރިއުޅުމުގައި ހިމަނާލަން މަޖުބޫރު އެއް ބާވަތެވެ.

comment ކޮމެންޓް