މިސްކިތްތަކުން ފަންކާ ނެގި މީހާގެ ބަންދަށް 15 ދުވަސް

ތަގުވާ މިސްކިތުން ފަންކާ ވަގަށް ނެގި މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ/ ސިޓީ ކައުންސިލް

އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިދިޔަ ހޯމަ ދުވަހު ބަންދު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށް ކުށުގެ ވެށިން ކަމަށެވެ.

އަދި މި މައްސަލައިގެ ތަހުގީގުގައި ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައިވަނިކޮށް ހޯދައިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ވަގަށް ނަގާފައިވާ ހަ ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި މީހާ އަކީ މިސްކިތަކުން ފެން މޯޓަރެއް ވަގަށް ނެގިކަމަށް ވެސް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އަދި މިހާރު ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ވީޑިއޯއެއް ހިއްސާކޮށް ވަނީ، ތިން ރޭ މަތިން ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައި ވާކަމަށް ބުނެފައެވެ.

މި ރަމަޟާން މަސް ފެށުމާއެކު މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ދަރުމަވަންތަ މިސްކިތުން ފެން މޯޓަރެއް ވެސް ވަނީ ވަގަށް ނަގާފައެވެ. އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާއެއް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ވަގަށް ނަގައިފައެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ. މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްފައި ހުންނަ ނަމަވެސް މި ކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް