އަނގައިން ނުބައި ވަސް ދުވަނީތަ؟ މި އޮތީ ހައްލު!

އަނގައިން ނުބައި ވަސް ދުވުން، ގިނަ ބަޔަކު ހައްލު ހޯދަން ބޭނުންވާ މައްސަލައެއް--ފޮޓޯ/ޕިންޓްރެސްޓް

އަނގައިން ނުބައި ވަސް ދުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައަކަށް ވެފައިވާއިރު އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރާ މީހުން ވެސް މަދެއް ނޫނެވެ. ތަފާތު އެކި މޮޅުތި ބްރޭންޑު ތަކުގެ ދަތް އުނގުޅާ ބުރުހާއި، ދަތް އުނގުޅާ ބޭސް އަދި އަނގަ ދޮންނަ ފުޅި ބޭނުންކޮށްގެން ވެސް މިކަމަށް ދާއިމީ ހައްލެއް ގިނަ މީހުންނަށް ލިބިފައެއް ނުވެއެވެ.

އަނގައިން ނުބައި ވަސް ދުވުމުން އެކަމުން އަމިއްލަ މީހާއަށް އުނދަގޫވާއިރު ކައިރީގައި ތިބޭ މީހުންނަށް ވެސް އޭގެ އުނދަގޫ ފޯރައި، މީހުންގެތެރޭ ވާހަކަދައްކާ ހެދުމަށް ޖެހިލުންވެސް ވެއެވެ.

އަނގައިން ނުބައި ވަސް ދުވަން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެތެރޭގައި މާ ވަސް ގަދަ ކެއުންތައް ކެއުމާއި، އަނގައިގެ އެތެރެ އާދަޔާ ޚިލާފަށް ހިކުމާއި، ދަތުގައާއި ހިރުގަނޑުގައި ބެކްޓީރިއާ އުފެދުން، ސިނގިރޭޓް ބުއިން އަދި ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރުން ހިމެނެއެވެ.

މީގެއިތުރުން ސައިނަސް ހުންނަ މީހުންނާއި ދަތުގެ އަދި ހިރުގަނޑުގެ ބަލިތަކަށް ދާއިމީ ފަރުވާ ހޯދާ ނަމަ އަނގައިން ނުބައި ވަސް ދުވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ފެށުމުގެ ގޮތުން އަމިއްލަ ނަފުސުގެ ސާފު ތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

އަޅުގަޑުމެންނަށް އެންމެ ތުއްތުއިރުއްސުރެން ފެށިގެން ވެސް އިރުޝާދު ދެވިފައި ވަނީ ދެ އިރު ދަތް އުނގުޅަން އާދަކުރުމަށެވެ. އެއީ ހެނދުނު ހޭލުމަށްފަހު އަދި ރޭގަނޑު ނިދުމުގެ ކުރިންނެވެ. މި އާދަ ދޫކޮށްލެވިއްޖެ ނަމަވެސް އަނގައިން ނުބައި ވަސް ދުވުމުގެ އިތުރުން ސިއްހީ މައްސަލަތައް ވެސް ކުރިމަތިވުމަށް މަގުފަހިކުރުވައެވެ.

އަނގައިން ނުބައި ވަސް ދުވުން، ގިނަ ބަޔަކު ހައްލު ހޯދަން ބޭނުންވާ މައްސަލައެއް--ފޮޓޯ/ޕިންޓްރެސްޓް
ރީތި ސާފު ދަތްޕިލައެއް ހޯދުމުގެ އިތުރުން އަނގައިން ނުބައި ވަސް ދުވުން ހުއްޓުވުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކުގެތެރޭ، ކޮންމެ ދުވަހަކު ވެސް ދަތުގެ ދޭތެރޭ ހަރުލާފައި ހުންނަ ކާއެއްޗެތި ސާފުކުރުމަށް ފްލޮސް ކުރެވިދާނެއެވެ. މީގެ ސަބަބުން ގޮހޮރުގެ ބަލިތަކުން މީހާ ސަލާމަތްކޮށް ދިނުމަށް އެހީތެރިވެދެއެވެ.

ހަމައެއާއެކު ދޫ ސާފުކުރުމަށް ފަހު އަނގައަށް ޖަހަން ރަނގަޅު ސްޕްރޭއެއް ހޯދުމަށްފަހު ބޭނުންކުރެވިދާނެއެވެ. ގިނަގިނައިން ފެން ބުއިމަށް އާދަކޮށް ހަކުރުގެ މާއްދާ ނުހުންނަ ވައްތަރެއްގެ ޗުއިން ގަމް އަބަދުވެސް ބޭނުންކުރުމަކީ އަނގައިގެ ކުޅު ނުހިކި އަނގައިގެ އެތެރެ ތާޒާކޮށް ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މީގެއިތުރުން ބެލެންސްޑް ޑައިޓެއް މަތީ ގާއިމުވެ ހުރުމަކީ ވެސް އަނގައިން ނުބައި ވަސް ދުވުމުން މީހާ ދުރުކޮށްދޭ ކަމެކެވެ. މާބޮޑަށް އަނގައިން ނުބައި ވަސް ދުވާކަމުގެ އިހުސާސް ކުރެވޭނަމަ ދަތުގެ ބަލީގެ ސިއްޙީ މާހިރެއްގެ އިރުޝާދު ހޯދުމަށްފަހު އަމަލުކުރުމަށް އިސްކަން ދިނުން ވަރަށް މުހިއްމެވެ.

comment ކޮމެންޓް