ވޯލްޑް ބޭންކްއިން މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މީގެ ކުރިން ލަފާކުރި މިންވަރު ދަށްކޮށްފިއެވެ.
ވޯލްޑް ބޭންކްއިން ދެކުނު އޭޝިއާގެ އިގުތިސާދާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައިވަނީ، ރާއްޖެ އަންނަ ފަތުރުވެރިންގެ މިސްރާބު މިހަރު ހުރީ މަތީ ފަންތީގެ ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓްހައުސްތަކަށް ކަމަށެވެ.
އެހެންވެ، މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މީގެ ކުރިން ލަފާކޮށްފައިވާ މިންވަރު މިހާރު ދަށްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެއީ 5.2 ޕަސެންޓުން 4.7 ޕަސެންޓަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ބަދަލު ވަނީ ފެންނަން ފަށައިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އިގުތިސާދު ކުރިއެރީ ދެ ޕަސެންޓު ކަމަށާއި އެއާއަޅާބަލާއިރު 2022 ވަނަ އަހަރުގެ އެ ކުއާޓަރުގައި 13.9 ޕަސެންޓް ކުރިއެރި ކަމަށް ރިޕޯޓުގައިވެއެވެ.
އެއީ އެ އަހަރު ފަތުރުވެރިކަން ދަށްވި ދެވަނަ ކުއާޓަރު ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ވޯލްޑް ބޭންކުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން، އަންނަ އަހަރު އިގުތިސާދު 5.2 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކޮށްފައެވެ. ނަމަވެސް ދައުލަތުގެ ދަރަންޏާ މެދު ކަންބޮޑުވުން އޮތް ކަމަށާއި އެއާޕޯޓުގެ މަސައްކަތާއެކު ޑެފިސިޓް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
ރާއްޖޭގެ ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް މީގެ ކުރިން ވަނީ މިހާރު ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވި ނަމަވެސް އޭގެ ތެރެއިން ގިނަ ފަތުރުވެރިން ތިބެނީ ގެސްޓްހައުސްތަކުގައި ކަމަށްވެފައި، އެ މީހުން ރާއްޖޭގައި ތިބޭ މުއްދަތު ކުރުވުމުން އާމްދަނީ ލިބޭ މިންވަރު ދަށް ކަމަށް ބުނެފައެވެ.
އެ ދާއިރާއަށް މިއަހަރު އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ އިންޑިއާ މާކެޓު ދަށްވުމެވެ. އެގޮތުން މީގެ ކުރިން އެއް ވަނައިގައި އޮތް އިންޑިއާ މިހާރު އޮތީ ހަވަނައިގައެވެ.
ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވީ، ނައިބު ވަޒީރުންތަކެއް އެގައުމާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ކެމްޕެއިނެއް ފެށިފަހުންނެވެ.
ފަތުރުވެރިކަން އިޝްތިހާރުކުރާ އެމްއެމްޕީއާރުސީން ވަނީ އިންޑިއާގެ ފަތުރުވެރިން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.