ނުރައްކަލުގެ އިންޒާރު ދިނުމުން ވެސް ބުރިޖު ކައިރި ޕޯސްޓަރު ޖެހުން ނުހުއްޓި

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ހަރުކޮށްފައި: ސްޓެލްކޯއިން ބުނީ ނުރައްކާތެރި އިންޒާރާއެކު ވެސް ބުރިޖު ކައިރި ޕޯސްޓަރު ޖެހުން ނުހުއްޓާ ކަމަށް -- ސަން ފޮޓޯ: މުޙައްމަދު މާވީ

ސްޓެލްކޯއިން ނުރައްކާތެރި ކަމުގެ އިންޒާރު ދިނުމުންވެސް އަދިވެސް މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ކަރަންޓު ވިއުގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަގަނޑު ޖަހައިގެން ޕޯސްޓަރާއި އިޝްތިހާރުތައް ޖެހުން ނުހުއްޓާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

މި މަހު 21 ގައި އޮންނަ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ޕޯސްޓަރުތައް އެންމެ ގިނައިން ހަރުކޮށްފައިވާ އެއް ސަރަހައްދަކީ ބުރިޖަށް އަރާ ހިސާބާއި ހުޅުމާލެއަށް އަރާ ހިސާބެވެ. ހުޅުމާލެއަށް ހައިވޭއިން އަރާ ހިސާބާއި އުސްފަސްގަނޑުގައި އެއް ކެންޑިޑޭޓަށް ވުރެން ބޮޑު ޕޯސްޓަރެއް އަނެއް ކެންޑިޑޭޓް ހަރު ކުރުމުގެ ފޯރި ވަނީ ހިފައިފައެވެ.

އެ ޕޯސްޓަރުތައް ހަރުކުރަން ބިމަށް ދަގަނޑު ޖަހާ ހިސާބުގައި އޮންނަނީ ބޮޑު ކަރަންޓު ވިއުގައި ހިމެނޭ ކޭބަލްތަކެވެ. އެކަމުގެ ސަބަބުން ކޭބަލަށް ގެއްލުން ވެދާނެ ކަމަށް ބުނެ ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ އިންޒާރެއް ދީފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ، މިހާރު ޕޯސްޓަރުތައް ޖަހައިފައި އެ ހުރި ސަރަހައްދަކީ މާލޭގެ މެއިން ކޭބަލްތައް އަޅައިފައި ހުރި ސަރަހައްދު ކަމަށެވެ.

އަދި މި ސަރަހައްދުގައި ކޭބަލް ތަކަށް ގެއްލުމެއް ވެއްޖެ ނަމަ މަރާމާތު ކުރަން ވަރަށް އުނދަގުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަރަންޓުގެ ބޮޑު ބައެއް މިހާރުވެސް މާލެއަށް ގެންނަނީ ހުޅުމާލެއިން ކަމަށެވެ.

"މިވަގުތު ހުޅުމާލެއިން މި ގެންނަނީ މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައެއް. މާލޭގަ އެ ކެޕޭސިޓީވެސް ނުހުންނާނެ މިހާރަކު ފުލް ލޯޑް މާލެއަށް ދެވޭ ވަރަކަށް،" އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މި ގޮތަށް ޕޯސްޓަރު ޖަހަމުން ދަނިކޮށް ކޭބަލް އަކަށް ގެއްލުންވެއްޖެ ނަމަ ޖެހޭނީ އެ މައްސަލަ ހައްލުވަންދެން މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ދާން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައި އަޅައިފައި ހުރި ކަރަންޓު ކޭބަލަކީ 400 މެގަވޯޓްސް ޕާސް ކުރާ ވަރުގެ ކޭބަލްތަކެއް ކަމަށެވެ. އެހެން ކަމުން ދަގަނޑު ޖަހާއިރު ކޭބަލަކަށް ދަގަނޑު ޖެހިއްޖެ ނަމަ އެކަން ކުރާ މީހަކު އެ ވަރުގަދަ ކަރަންޓްގައި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން އިންޒާރު ދިނުމުން ވެސް އެކަން ނުހުއްޓާތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވެސް ވަނީ މިދިޔަ ހުކުރު ދުވަހު އަނެއްކާ ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އެ ކޭބަލް ވިއުގައިގައި ހިމެނޭ ކޭބަލްތަކަށް ގެއްލުމެއްވެއްޖެނަމަ، އެ މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ. އަދި އޭގެ ސަބަބުން، ސްޓެލްކޯއިން މާލެ އަދި ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ބޯޑު ޖަހަން ހުއްދަ ދެއްވާ ފަރާތްތަކުން އެކަމަށް ސަމާލު ވުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

comment ކޮމެންޓް