އިސްރާއީލުގައި އަލް ޖަޒީރާ ބްރޯޑްކާސްޓްކުރުން މަނާކުރަނީ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް މުޅި ދުނިޔެއަށް ގެނެސްިދިނުމުގައި މަސައްކަތްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ވާއިލް ދާހޫދު. ފޮޓޯ/އަލް ޖަޒީރާ

އަލް ޖަޒީރާ ނޫސް އޭޖެންސީ އިސްރާއީލުގައި ހިންގުން ހުއްޓުވުމުގެ މަސައްކަތް އަލުން ކުރާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭ ނޫސް އޭޖެންސީތައް ބަންދުކުރުމުގެ ބާރު އިސް ވަޒީރުންނަށް ދޭން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުންނެވެ.

"އިސްރާއީލުން އަލްޖަޒީރާ ދެން ބްރޯޑްކާސްޓެއް ނުކުރާނެ" ހޯމަ ދުވަހު އެ ގާނޫނު ތަސްދީގު ކުރުމަށް ފަހު އެކްސްގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ވިދާޅުވިއެވެ. "އަޅުގަނޑު ގަސްތުކުރަނީ ޗެނަލްގެ ހަރަކާތް ހުއްޓުވުމަށް އާ ގާނޫނާ އެއްގޮތަށް ވަގުތުން އަމަލުކުރަން."

އިސްރާއީލާ ދެކޮޅު ހަބަރުތައް ގެނެސްދޭ ނޫސް އޭޖެންސީއެއް ކަމަށް ބުނެ، އަލް ޖަޒީރާ ބްރޯޑްކާސްޓް ކުރުން ހުއްޓުވުމަށް ނަތަންޔާހޫ މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ.

ހަތްދިހަ ވޯޓުން ފާސްކުރި އެ ގާނޫނުގައި އިސްރާއީލުގައި ހިންގާ ބޭރުގެ ނެޓްވޯކްތައް ބަންދުކުރުމަށް އަމުރުކޮށް، އެތަންތަނުގެ ސާމާނު އަތުލުމުގެ ބާރު ބޮޑުވަޒީރާއި މުއާސަލާތީ ކަންކަމާބެހޭ ވަޒީރަށް ދީފައިވެއެވެ. އެ ގާނޫނާ ދެކޮޅަށް ވޯޓު ދީފައި ވަނީ 10 މެމްބަރުންނެވެ.

އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުން އެ ގާނޫން ފާސްކޮށްފައި ވަނީ ލުބުނާނުގެ ނޫސް އޭޖެންސީ، އަލް މަޔާދީން ހުއްޓައިލާނެ ކަމަށް އިސްރާއީލުން ބުނިތާ ފަސް ވަރަކަށް މަސް ފަހުންނެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ފެށި ފަހުން އިސްރާއީލު ސަރުކާރުން ވަނީ ހަނގުރާމައިގެ ގަވާއިދުތަކެއް ފާސްކޮށް، ކޯޓުތަކުގެ ރުހުމާއެކު ގައުމީ މަސްލަހަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ މީޑިއާތައް ވަގުތީ ގޮތުން ބަންދުކުރުމުގެ ހުއްދަ ދީފައެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އަލް ޖަޒީރާގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި އެ މީހުން އާއިލާތައް ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް