ދަރުމާ ކުންފުނިން 2012ވަނަ އަހަރު ރިލީޒްކުރި ފްރެންޗައިސް "ސްޓޫޑަންޓް އޮފް ދަ އިއަ" ދެން އުފައްދާނީ ވެބް ސީރީސްއެއް ގޮތަށް ކަމަށް ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.
މި ފިލްމުގެ ފުރަތަމަ ބައި ކަރަން ޖޯހަރު ޑައިރެކްޓް ކުރިއިރު 2019ވަނަ ރިލީޒްކުރި އޭގެ ސީކުއަލް ޑައިރެކްޓް ކުރީ ޕުނިތު މަލްހޯތްރާއެވެ.
މި ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމު އުފެއްދުމުގައި ކަރަން ބައިވެރިވި ނަމަވެސް މީގެ ތިން ވަނަ ބައި ޑައިރެކްޓް ކުރާނީ ބައިނަލް އަޤްވާމީ އެވޯޑުތައް ހާސިލުކޮށްފައިވާ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ރީމާ ސެން ގުޕްތާކަމަށް ކަރަން ވަނީ ބުނެފައެވެ.
ރީމާ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައި ވަނީ ވަރަށް އިޖުތިމާއީ ތަފާތު އެކި މައްސަލަތަކާ ގުޅޭގޮތުން ކުރު ފިލްމު އުފައްދާ މީހެއްގެ ގޮތުގައެވެ. ރީމާގެ ގިނަ ފިލްމުތައް ބޭރު ދުނިޔޭގެ ފިލްމު ފެސްޓިވަލް ތަކުގައި ޕްރިމިއަކޮށްފައި ވާއިރު މިހާތަނަށް ބައިނަލް އަޤްވާމީ އެކި ޕްލެޓްފޯމްތަކުން އޭނާއަށް 37 އެވޯޑު ލިބިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ބަތަލާ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތު މަލްހޯތްރާ ފިލްމީ ދާއިރާއަށް ތަޢާރަފްވި "ސްޓޫޑަންޓް އޮފް ދަ އިއަ"ގެ ތިން ވަނަ ބައިގެ ވާހަކަ އާއި ސީރީސް ގެނެސްދޭނެ ޖޯންރާ އަދި ފޯމެޓް ވެސް ނިންމާނީ ރީމާ ސެން ގުޕްތާ ކަމަށާއި އޭގެ ތެރެއަށް ކަރަން ވަންނަން ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން މި ވެބް ސީރީސްއިން ކުރީގެ ފިލްމީ ތަރި ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރު ފިލްމު އިންޑަސްޓްރީއަށް ލޯންޗު ކުރާނެއެވެ. މީގެކުރިން ވެސް ޝަނާޔާ ފިލްމީ ދާއިރާއަށް ނެރޭނީ ދަރުމާ ކުންފުނިން ކަމަށް އިއުލާނުކޮށްފައި ވާއިރު އޭރު ޝަނާޔާ ލޯންޗު ކުރަން ނިންމި ފިލްމުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.