އީދު ދުވަހު ގާލް ގައިޑްސް އެސޯސިއޭޝަން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް

މީގެ ކުރިން ފިތުރު އީދުގައި ބޭއްވި އީދު ޕްރޮޖެކްޓެއްގެ ތެރެއިން ----

މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ޔަންގްލީޑަރުން އިސްނަގައިގެން ކުރިއަށްގެންދާ ޢީދު ޕްރޮޖެކްޓް މި އަހަރުގެ ވަޅުޢީދު ދުވަހު ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ މި ޕްރޮޖެކްޓަކީ މެދުނުކެނޑި ކުރިއަށް ގެންދާތާ 24 އަހަރު ވެފައިވާ ޕްރޮޖެކްޓެއް ކަމަށާއި މި ހަރަކާތުގެ މަގުސަދަކީ ގުރައިދޫ މަރުކަޒުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޢީދު ހަދިޔާ ދިނުމާއި އެ މީހުން ޢީދުގެ އުފަލުގައި ބައިވެރިކޮށްގެން އުފާވެރި ވަގުތުކޮޅެއް ހޭދަކުރުން ކަމަށެވެ.

އެއާއެކު، ޒުވާނުންގެ ހިތުގައި މިފަދަ މީހުންނަށް ލޯތްބާއި އަޅާލުން އިތުރުކޮށް، މިފަދަ ކަންކަމުގައި އެކުދިންގެ ޙިއްޞާ ފުޅާކުރުމާއި މުޖުތަމަޢުގައި ބޭނުންޖެހިފައިވާ ބަޔަކަށް އަޅާލައި އެ މީހުންނަކީ ވެސް މުހިންމު ބައެއްކަން ހަނދާންކޮށްދީ އާންމުން ހޭލުންތެރި ކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ތެރެއިން, ޒުވާނުން ބާރުވެރިކުރުވައި މުޖްތަމަޢުގައި އެކުދިންގެ ދައުރު ފުޅާކޮށް ތަފާތު ހުނަރުތައް އެކުދިންނަށް ދަސްކޮށްދޭނެ ކަމަށް ވެސް ގާލް ގައިޑް އެސޯސިއޭޝަނުން ބުނެއެވެ.

ގާލް ގައިޑްސް އެސޯސިއޭޝަންގެ އީދު ޕްރޮޖެކްޓް --

އެ އެސޯސިއޭޝަނުން ބުނީ މި ޕްރޮޖެކްޓުގައި ހަރަކާތްތެރިވަނީ 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ކަމަށާއި އެ މަސައްކަތަކީ ވަރަށް ޝައުގުވެރިކަމާއެކު މި ކަމުގައި ބައިވެރިވާ ލީޑަރުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ ހެޔޮއެދޭ ވަރަށްގިނަ ފަރާތްތަކާއި އެ އެސޯސިއޭޝަންގެ އެކި ރަށްރަށުގެ ބްރާންޗްތަކުގެ އިސްނެގުމުގެ ދަށުން ފަންޑް އަދި ޑޮނޭޝަންސްގެ ދީލަތި އެހީތެރިކަމާއެކު ކަމަށާއި މިއަހަރުގެ އީދު ޕްރޮޖެކްޓަށް ވެސް ފަންޑު ހޯދުމަށް ހުޅުވާލާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ރަމަޟާން މަސް ފެށުމާއެކު، މި ޕްރޮޖެކްޓްގެ ޔަންގް ލީޑަރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި:

  • އިދާރީ މަސައްކަތްތަކާއި ރަސްމީ މުޢާމަލާތްތައް ކުރުން
  • ގުރައިދޫ މަރުކަޒުގައި ދިރިއުޅޭ މީހުންގެ ޢަދަދު ހޯދުން
  • އެމީހުންނަށް އެންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް އެކުލަވާލާ ޢީދު ހަދިޔާގެ ގޮތުގައި ދޭނެ ތަފާތު ތަކެތި ހޯދުން
  • މަރުކަޒަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް އެހީތެރިވުން
  • ފަންޑު ހޯދުމަށް ޓީވީ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަތުރާގުޅޭ މަޢުލޫމާތު ޙިއްޞާކުރުން
  • ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ފިހާރަތަކަށް ދަތުރާ ގުޅޭ ސިޓީ ފޮނުވައި، ލިސްޓު ކުރެވިފައިވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން
  • ލިބޭ އެހީތަކާއި ތަކެތި ބައިބަޔަށް އަޅައި، އެ ތަކެތި ޕެކްކުރުން

އެ އެސޯސިއޭޝަނުން ފާހަގަކުރާ ގޮތުގައި މި ދަތުރަކީ ގައިޑް ލީޑަރުން ކޮންމެ އަހަރަކު ވެސް ދުރާލާ ތައްޔާރުވެ އެ ދަތުރަކަށް އިންތިޒާރުކުރާ ވަރަށްވެސް ޚާއްސަ ދަތުރެކެވެ.

comment ކޮމެންޓް