އިންޑިއާގެ އިންތިހާބު ބޯމަތިވެފައި އޮއްވައި، އިދިކޮޅުގެ ބޮޑު އެއްވުމެއް

އިންތިހާބާ ދިމާކޮށް އިންޑިއާގައި ބޭއްވި މުޒާހަރާ. ފޮޓޯ/އަލް ޖަޒީރާ

އިންޑިއާގެ އާންމު އިންތިހާބު ބޯމަތިވެފައި އޮއްވައި، ބޮޑު ވަޒީރު ނަރެންދްރާ މޯދީއާ ދެކޮޅަށް ނުކުންނަ، އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރު އަރްވިންދު ކޭޖްރިވާލް ހައްޔަރުކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އިދިކޮޅު ލީޑަރުންނާއި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.

އިދިކޮޅު ލީޑަރު އަދި ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ހައްޔަރުކޮށްފައި ވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ ރާ ވިއްކުމުގެ ލައިސެންސް އަމިއްލަ ކުންފުނިތަކަށް ދިނުމުގައި ލުއި ގޮތްތައް ހަމަޖައްސަން ރިޝްވަތު ހިފައިފައިވާ ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް 55 އަހަރުގެ އަރްވިންދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި އެ މައްސަލައަކީ ސިޔާސީ ގޮތުން ހަދައިގެން ދައްކާ ވާހަކައެއް ކަމަށްވެސް އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އާމް އާދްމީ ޕާޓީ (އޭއޭޕީ) އިން ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ އަރްވިންދު ހައްޔަރު ކުރުން ކުށްވެރިކޮށް މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ދިއްލީގައި އޮތް މުޒާހަރާގައި އިދިކޮޅު 'އިންޑިއާ' އިއްތިހާދުގައި ހިމެނޭ ގިނަ ޕާޓީތަކެއްގެ ލީޑަރުން ވަނީ ތަގްރީރު ވެސް ކުރައްވައިފައެވެ.

މޯދީ ނިސްބަތްވެ ވަޑައިގަންނަވާ، ބާރްތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށާއި މޯދީއަށް މި ފަހަރުގެ އިންތިހާބުގައި ކާމިޔާބީ ލިބިވަޑައިގެންފިނަމަ، މުޅި ގައުމު ހަލާކުވެގެންދާނެ ކަމަށް ކޮންގްރެސް ލީޑަރު ރާހުލް ގާންދީ ވިދާޅުވިއެވެ.

"ގައުމު މިސްރާބު ޖަހާފައި މިވަނީ ހުދުމުހުތާރުކަމާ ދިމާލަށް،" މަހަރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ކުރައްވާފައިވާ، ޝިވް ސޭނާ ޕާޓީގެ ލީޑަރު އުއްދަވް ތަކެރޭ ވިދާޅުވިއެވެ. އަދި އެންމެ މީހެއްގެ މައްޗަށް ހިންގަމުންދާ ސަރުކާރު މިދަނީ ގައުމު ހަލާކާ ދިމާލަށް ދުއްވާލަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާގެ ފަރާތުން ތަގްރީރު ކުރެއްވި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑީ ރާޖާ ވިދާޅުވީ، ސަރުކާރުން އިދިކޮޅު ޕާޓީތަކަށް ގޮންޖެހުމަށް އީޑީ އާއި އިންކަމް ޓެކުހާއި އެހެނިހެން އިދާރާތައް ބޭނުން ކުރަމުންދާ ކަމަށެވެ.

އަންނަ މަހު 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ އިންތިހާބުގެ ވޯޓުލުން ހަ ހަފްތާއަށް ކުރިއަށްދާނެއެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ބައި މިލިއަނެއްހާ މީހުންނަށް ލިބިފައިވެއެވެ. އިންތިހާބުގެ ވޯޓުލާ ނިމޭނީ ޖޫން 1 ވަނަ ދުވަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް