ކޮންމެ އަހަރަކުވެސް އަޅުގަނޑުމެނާ ބައްދަލުކުރާ އެންމެ މަތިވެރި މާތް ރަމަޟާން މަހަކީ ދިރިއުޅުމުގެ އާދަކާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވައިދިނުމުގައި އެހީތެރިވެދޭ މައްސަރެކެވެ. ނުރަނގަޅު އާދަތަކާއި ދުރުކޮށްދީ ދުޅަހެޔޮ ސިއްހަތެއްގައި ހަށިގަނޑު ބެހެއްޓުމަށް އެންމެ ބޮޑު ބާރެއްލެވޭ އެއް މައްސަރަކީ ވެސް ރަމަޟާން މަހޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ހަމައެއާއެކު މި މައްސަރަކީ ދީނުގެ އަޅުކަންތަކަށް އަޅުގަނޑުމެންދޭ ސަމާލުކަން އިހުނަށްވުރެ އެތައް ގުނައެއް އިތުރުވެގެންދާ މައްސަރަކެވެ. މި އާދަތަކުގެ ސަބަބުން އަޅުގަނޑުމެންގެ ނަފުސަށް ލިބޭ ހިތްހަމަޖެހުމާ އެކު ދުޅަހެޔޮކަންމަތީ ތިބުމަށް އެހީތެރިވެދެއެވެ.
މި ބަރަކާތްތެރި މަހަށް އަލްވަދާޢު ކިޔުމަށް އަޅުގަނޑުމެން ތައްޔާރުވެ މި މާތް މައްސަރުގެ ފަހު ދުވަސްތައް ގުނަމުން ދާއިރު ރަނގަޅު ސިއްހީ އާދަތަކާ އެކު ދިރިއުޅުމަށް ގެނައި ހެޔޮ ބަދަލުތައް ދެމެހެއްޓުމުގެ އަޒުމް ކަނޑައަޅަންވާނެއެވެ. މި ޢަޒުމުގައި ކުރިއަށް ދިއުމަށް މި ބުނާ އިރުޝާދުތަކުގެ އެހީތެރިކަން ހޯދިދާނެއެވެ.
• ހަފުތާއަކު ދެ ދުވަހު ރޯދައަށް ހުރުމަށް އަޒުމް ކަނޑައެޅުން.
ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި އިންޓަމިޓެންޓް ފާސްޓިންގް އަކީ މިއީ ބަރުދަން ލުއިކޮށްދީ ހަށިގަނޑަށް ވެސް ލުޔެއް ހޯދުމުގެ ބޭނުމުގައި ދުނިޔޭގެ އެތައް ބަޔަކު ބޭނުންކުރާ އުކުޅެކެވެ. ސައިންޓިސްޓުންގެ މި ދިރާސާތައް ވުޖޫދަށް އައުމުގެ މާކުރިން މުސްލިމުންނަކީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު ސުންނަތް ރޯދަ ހިފުމަށް އާދަވެފައި ތިބި ބައެކެވެ.
• ދުވާލު ކެއުން ދޭއް ނުވަތަ ތިން ކެއުމަކަށް މަދުކޮށްލާ
ރަމަޟާން މަހަށް ފަހުވެސް އެހެން މަސްތަކުގެ ކެއުންތައް ރަމަޟާން މަހާ އެއްގޮތަށް ބެހެއްޓުމަށް އާދަކުރާށެވެ. މީގެ ސަބަބުން ރޫހާނީ އަދި ޖިސްމާނީ ފައިދާތަކެއް ހަށިގަނޑަށް ކުރާނެއެވެ.
• ހިކި މޭވާ ކެއުމަށް އާދަކުރޭ
ރަމަޟާން މަހަކީ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން ގިނަ ގޭގެ ސުފުރާ މަތި ފަޅުފިލުވާލި މައްސަރެކެވެ. އާދައިގެ މަސް މަހު ތާޒާ މޭވާ ނުލިބޭނަމަ ހިކި މޭވާ ވެސް ބޭނުންކުރެވިދާނެއެވެ. ހާއްސަކޮށް ކަދުރު ކެއުމަށް އިސްކަންދޭށެވެ. އޭގެ ސަބަބުން ފޮނި ކާތަކެތި ކެއުމުގެ އާދައާ މީހާ ދުރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
• ބަނޑު ފުރެންދެން ކެއުމުގެ ބަދަލުގައި މަދު މަދުން ކެއުމަށް އިސްކަން ދީ
މާގިނައިން ކެއުމަކީ އެ ކެވޭ އެއްޗެހި ރަނގަޅަށް ހަޖަމުކުރުމަށް ހުރަސްއެޅޭނެ ކަމެކެވެ. އެހެންކަމުން ބަނޑު ފުރެންދެން ކެއުމުގެ ބަދަލުގައި އަބަދުވެސް 80 އިންސައްތަ ފުރެންދެން ކާށެވެ.
• ކެއުމުގެ ވަކި ތާވަލެއް ތައްޔާރު ކުރޭ
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 30 ދުވަހުގެ މީލް ޕްލޭންއެއް ތައްޔާރު ކުރަން އިސްކަންދިން ގޮތަށް އެހެން މަސް މަހުވެސް މިފަދައިން ހާއްސަ މީލް ޕްލޭންއެއް ތައްޔާރުކޮށްލާށެވެ.
• އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް އިހުމާލުނުވޭ
އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ގިނަ ބަޔަކު ރޭ އަޅުކަން ކުރުމާއި ކީރިތި ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރިއިރު ރަމަޟާން މަހަށް ފަހުވެސް މިގޮތަށް އަމަލުކުރުން މަތީ ދެމިތިބުމަށް ޢަޒުމު ކަނޑައަޅާށެވެ.