ތިނެއް ނޮވެމްބަރުގެ ހާދިސާ ގެނެސްދޭ ފިލްމުން ސަލްމާން ވަކިވެއްޖެ

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން-- ފޮޓޯ/ބޮލީވުޑްހަންގާމާ

ދަރުމާ ކުންފުނިން އުފައްދާނެ ކަމަށް އިއުލާނުކުރި ދިވެހިރާއްޖޭގެ ތިނެއް ނޮވެމްބަރުގެ އުދުވާނީ ޙަމަލާގެ ހާދިސާ ގެނެސްދޭ ފިލްމު "ދަ ބުލް"އިން ސަލްމާނު ޚާން ވަކިވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސަލްމާން ޚާން ފިލްމުން ވަކިވެފައި ވަނީ ފިލްމުގެ މަސައްކަތް ފެށުން ލަސްވުމާ އެކު ސަލްމާންގެ ފިލްމު ޝެޑިއުލްއަށް އެކަމާ ގުޅިގެން ބުރޫ އަރާތީއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން މިހާތަނަށް ދުށް އެންމެ ބިރުވެރި އެއް ދުވަސް 'ނޮވެމްބަރު 3'ގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ސަލްމާން ޚާން އާއި ކަރަން ޖޯހަރު 25 އަހަރަށް ފަހު އެކީގައި މަސައްކަތް ކުރާ ފުރަތަމަ ތާރީޚީ ފިލްމުވެސްމެއެވެ.

ކަރަންގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ސަލްމާން ޚާން ފިލްމަށް ސޮއިކުރި ފަހުން އެކި ސަބަބުތަކާ ހެދި މީގެކުރިން ވެސް އެކި ފަހަރު މަތިން މި ފިލްމުގެ މަސައްކަތް ވަނީ ފަސްކުރެވިފައެވެ.

ސަލްމާން ޚާންއަށް މި ފިލްމުގެ ސްކްރިޕްޓް ވަރަށް ކަމުދިޔަ ކަމަށާއި ފިލްމުގެ މަސައްކަތް ފެށޭނެ ދުވަހަކަށް އިންތިޒާރުކޮށް ވަގުތު ހުސްކޮށްދިން ނަމަވެސް ދަރުމާއިން ފިލްމު ފެށޭނެ ވަކި ތާރީޚެއް ކަނޑައެޅިފައި ނުވާތީ "ޓައިގާ3"ގެ އެކްޓަރު ނިންމީ ސުލްހަވެރިކަމާ އެކު ފިލްމު ދޫކޮށްލުމަށް ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.

ސަލްމާން ޚާން ފިލްމު "ދަ ބުލް"އަށް ތައްޔާރުވުމުގެ ގޮތުން ބޮލުގެ އިސްތަށިގަނޑަށް ގެނައި ބަދަލުތައް ދައްކުވައިދޭ ފޮޓޯއެއް-- ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ޝޭރްޝާހް"ގެ ޑައިރެކްޓަރު ވިޝްނޫ ވަރުދަންގެ "ދަ ބުލް"އިން ވަކިވުމަށް ފަހު ސަލްމާން ޚާން ވަނީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމަކަށް ސޮއިކުރިކަން އެކްޓަރު ވަނީ އިއުލާނުކޮށްފައެވެ.

ސަލްމާނުގެ ޓީމާ ހަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނެފައި ވަނީ ދަރުމާ ކުންފުންޏަށް ފިލްމު ފެށޭނެ ވަކި ތާރީޚެއް ކައިރި މުސްތަޤްބަލެއްގައި ކަނޑައެޅިއްޖެނަމަ ސަލްމާން ޚާން ފިލްމާ ގުޅުމަކީ އެކަށީގެންވާ ކަމެކެވެ.

ސަލްމާން ޚާން އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅެން ސޮއިކުރި މި ފިލްމަށް އެކްޓަރު ވަނީ ހާއްސަ ތަމްރީނުތައް ފުރިހަމަކަށް ހަށިގަނޑަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. ފިލްމު "ދަ ބުލް"ގެ މަސައްކަތް މެދުކަނޑާލާފައި ވަނީ މި ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ގޯސްވުމާ ގުޅިގެންނެވެ.

comment ކޮމެންޓް