ނިދާ ކޮޓަރީގައި ހިމެނޭ ހުރިހާ އެއްޗެއްސަކީ އާންމުގޮތެއްގައި ސާފުކޮށް ބަދަލުކޮށް ހަދާ އެއްޗެއްސެވެ. ނަމަވެސް އޭގެތެރެއިން އެންމެ ބަދަލު ނުކުރާ އެކައްޗަކީ ގޮދަޑިއެވެ. ބަދަލު ނުކުރި ނަމަވެސް މިއީ ރަނގަޅަށް ސާފުކުރަން ޖެހޭ އެއްޗެކެވެ. އަދި މިއީ ގަވާއިދުން ކުރަން ޖެހޭ ކަމެކެވެ.
ގޮދަޑީގައި އަޅާ ބެޑްޝީޓާއި ބާލިސް އުރައަކީ އާންމުގޮތެއްގައި ބަދަލު ކޮށް އުޅޭ އެއްޗެއްސެވެ. މިއީ ބައެއް ފަހަރު މަހުން މަހަށް ނުވަތަ ކޮންމެ ދެ ހަފުތާއަކުން ވެސް ބަދަލު ކުރާ އެއްޗެއްސެވެ. ނަމަވެސް މިފަދަ ސަމާލުކަމެއް ގިނަ ފަހަރަށް ގޮދަޑިއަކަށް ނުދެވެއެވެ. ކޮޓަރީގައި ގެންގުޅޭ ގޮދަޑި އެންމެ ފަހުން ސާފުކުރީ ކޮން ދުވަހަކު ހެއްޔެވެ؟
ގިނަ ދުވަސް ވާ ވަރަކަށް ގޮދަޑިއަކީ ހިރަފުހާއި ކުނި އަދި ހަމާއި ގައިން އުފެދޭ ދާ ގިނަ އަދަދަކަށް ހަރުލާ އެއްޗެކެވެ. އާންމުކޮށް ސާފުކޮށް ގޮދަޑި ނުގެންގުޅެވޭނަމަ އޭގައި މޯލްޑް އުފެދި އެކި ކަހަލަ ބެކްޓީރިއާގެ ގެއަކަށް ވެސް ވެދާނެއެވެ. އެއާއެކު އޭގައި ނިދާ މީހުން އަވަސް އަވަހަށް ބަލިވާން މެދުވެރިވާނެއެވެ.
އެހެންވީމާ ގޮދަޑި ސާފުކޮށް ރަނގަޅަށް ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟
އިންޑިއާގެ މަޝްހޫރު ކެއާ ހޮސްޕިޓަލްސްގެ ކާޑިއޯ ވަސްކިއުލާ ޑިޕާޓްމެންޓް ކޮންސަލްޓެންޓެއް ކަމަށްވާ ޑރ. ރާހުލް އަގަރުވާލް ކިޔައިދޭ ގޮތުގައި ގޮދަޑީގެ ސާފުތާހިރު ކަމަށް ގޭގައި ބައެއް ކަހަލަ ކަންތައް ކުރެވިދާނެއެވެ. އެންމެ ފުރަތަމަ ކަމަކީ ވެކިއުމް ކުރުމެވެ. އަގަރުވާލް ފާހަގަކުރާ ގޮތުގައި ވެކިއުމް ކުރުމަކީ ގޮދަޑީގައި ހިމެނޭ ހިރަފުހާއި އެ ނޫންވެސް ބައެއް ކަހަލަ ފުށްފުށް ނެގޭނެ ގޮތެކެވެ.
ދެވަނަ ކަމަކަށް އޭނާ ފާހަގަކުރަނީ ގޮދަޑި ބޭނުން ކުރާ ފަރާތް ބަދަލު ކުރުމަށެވެ. އެގޮތުން ގޮދަޑި ފައި ލާ ކޮޅު ބޯ ކޮޅަށް ބަދަލުކޮށް ގޮދަޑި އަނބުރާލައި ދެމަހުން ދެމަހުން ވަރުން ބަދަލު ކުރާށެވެ. މިގޮތަށް ކަންތައް ކުރުމުން އަބަދު އެއްތަނަކަށް ބާރު ބޮޑު ނުވެ ގޮދަޑީގައި އެއް ތަނެއްގައި ކިލާ އަދި ދާ ހޭކޭ މިންވަރު ކުޑަވާނެއެވެ.
ގޮދަޑި އިތުރަށް ހަޑިވިޔަ ނުދިނުމަށް ޓަކައި ވޯޓަޕްރޫފް މެޓްރެސް ޕްރޮޓެކްޓަރެއް ގަތުން ވަރަށް މުހިއްމެވެ. މިއީ ގޮދަޑީގައި ކިލާ ހޭކުމުން ރައްކާތެރި ކޮށްދޭނެ އެއްޗެކެވެ. އަދި ގޮދަޑީގެ ތެރެއަށް އިތުރަށް ދަލާއި އެ ނޫންވެސް ތަކެތި އެޅުން ހުއްޓުވައިދިނުމަށް މި މަސައްކަތް ކުރާނެއެވެ. އަދި މިއީ ދޮވެލަން ފަސޭހަ ވެސް އެއްޗެކެވެ.
ގޮދަޑިން ވަސް ދުވާނަމަ މުޅި ގޮދަޑިއަށް ބޭކިން ސޯޑާ އެޅުމަށްފަހު ބަހައްޓާށެވެ. އަދި ދެތިން ގަޑިއިރަށް ފަހު ގޮދަޑި ރަނގަޅަށް ވެކިއުމް ކޮށްލާށެވެ. އޭރުން ގޮދަޑީން ވަސް ފިލާނެ ކަމުގައި އަގަރުވާލް ފާހަގަކުރެއެވެ.
ގޮދަޑިއެއް ގަތުމުގައި މީހާގެ ހަށިގަނޑަށް ބަލަން ޖެހެއެވެ. އެހެންވީމާ އެންމެ ގުޅޭ ގޮދަޑިއެއް ގަތުމަކީ މުހިއްމު ކަމެކެވެ. ގޮދަޑިއަކީ އާންމުކޮށް ގަނެވޭނެ އެއްޗެއް ނޫނެވެ. އެހެންވީމާ އަގުބޮޑުކޮށް ނަމަވެސް ގަންނައިރު މިއީ އިންވެސްޓްމެންޓެއްގެ ގޮތުގައި ވިސްނައި ގޮދަޑި ގަތުން ވަރަށް މުހިއްމެވެ.