ދުނިޔޭގެ ހެޓްރިކް ރިކޯޑުގެ ތިންވަނައިގައި ދަގަނޑޭ

ބަންގަލަދޭޝް ކޮޅަށް ގޯލު ޖެހުމަށްފަހު ދަގަނޑޭ އުފާފާޅު ކުރަނީ --- ސަން ފޮޓޯ: އަހްމަދު އައިހަމް

އަލީ އަޝްފާގު (ދަގަނޑޭ) 21ވަނަ ގަރުނުގައި އެންމެ ގިނަ ހެޓް-ޓްރިކް ހެދި ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައަށް އަރައިފިއެވެ.

ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ މި ލިސްޓުގެ ތިންވަނައިގައި ދަގަނޑޭ ހިމެނިފައިވަނީ 35 ހެޓް-ޓްރިކްގެ ރިކޯޑަކާ އެކުގައެވެ.

21ވަނަ ގަރުނުގައި ދުނިޔޭގެ އެންމެ ގިނަ ހެޓް-ޓްރިކް ހެދި 5 ފުޓުބޯޅަ ކުޅުންތެރިން:

1. ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) 64 ހެޓް-ޓްރިކް

2. ލިއޮނެލް މެސީ (އާޖެންޓީނާ) 57 ހެޓް-ޓްރިކް

3. އަލީ އަޝްފާގު (ދިވެހިރާއްޖެ) 35 ހެޓް-ޓްރިކް

4. ރޮބާޓް ލެވަންޑޯސްކީ (ޕޮލެންޑް) 31 ހެޓް-ޓްރިކް

5. ލުއިސް ސުއަރެޒް (އުރުގުވޭ) 30 ހެޓް-ޓްރިކް

ދަގަނޑޭވަނީ ފުޓުބޯޅައިގެ އެތައް ރިކޯޑެއް ހަދާފައެވެ. އޭގެ ތެރޭގައި މުޅި ދުނިޔެއިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި ވެސް ދަގަނޑޭ ހިމެނެއެވެ. އެ ލިސްޓުގެ 30ވަނައިގައި އޭނާ ހިމެނެނީ ދިވެހި ގައުމީ ޓީމަށް ކުޅެދިން 90އަށްވުރެ ގިނަ މެޗުން 57އަށްވުރެ ގިނަ ލަނޑު ޖަހައިދީގެންނެވެ.

މީގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގައި މުބާރާތުގައި މުޅިއަކު 23 ލަނޑު ކާމިޔާބުކޮށް، އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ވެސް އޮތީ ދަގަނޑޭ އަތުގައެވެ.

ފުޓުބޯޅަ ކެރިއަރު 2003ވަނަ އަހަރު ފެށި ދަގަނޑޭއަކީ ރާއްޖޭގައި މިހާތަނަށް އުފެދިގެން އައި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް