އެންމެ ފަހުން ކުރުނބާ ފެން ބުއީ ކޮންއިރަކު؟

ފޮޓޯ/ޕިންޓަރެސްޓް

ހޫނު ގަދަ ދުވަސްވަރު އެންމެ ބޮޑަށް ކަރުހިއްކާލުން ފިލުވާލުމަށް ބޭނުންވާނީ ހަށިގަނޑަށް އެއިން ގިނަގުނަ ފައިދާތަކެއް ލިބޭނެ ބުއިމެކެވެ. ރަމަޟާން މަސް އަޅުގަނޑުމެނާ ބައްދަލުކުރި ދަނޑިވަޅަކީ ހޫނު ގަދަ ދުވަސްވަރެކެވެ.

އެހެން ދުވަސްތަކެކޭ އެއްގޮތަށް ރަމަޟާން މަހު ރޯދައަށް ހުރުމަށްފަހު ކަރު ހިއްކުން ފިލުވާލުމަށް ތަފާތު އެކި ވައްތަރުގެ ބުއިންތައް ތައްޔާރުކުރާ އިރު ގިނަ ބުއިންތަކަކީ ވެސް ފައިދާތަކުން ފުރިފައިވާ ބުއިންތަކެކެވެ.

ކުރުނބާ ފެނަކީ އޭގެ ޒާތުގައި އިތުރު އެއްވެސް އެއްޗެއް އޭގެ ތެރެއަށް ނާޅާ ބޯލެވޭ މީރު ބުއިމެކެވެ. މިއީ ފަސޭހައިން ރަށްފުށުގައި ދިރިއުޅޭ މީހުންނަށް ލިބޭ އެއްޗަކަށް ވިޔަސް ވެރިކަން ކުރާ މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް ބޮޑު އަގުގައި ގަނެގެން ނޫނީ ނުލިބޭ އެއްޗެކެވެ.

ކުރުނބާ ފެނަކީ ރޯދައަށް ހުންނަ ރޯދަވެރިޔާގެ ހަށިގަނޑުގެ ފިނި ހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ބުއިމެކެވެ. ގުދުރަތީ ފޮނިކަން އެކުލެވޭ ކުރުނބަލުގެ ފެނަކީ ނިއުޓްރިއެންޓްސްއިން މުއްސަނދި ވެފައިވާ ފެނަކަށް ވުމުގެ އިތުރުން ގިނަ އަދަދެއްގެ ވިޓަމިންސް އާއި ޕޮޓޭސިއަމް އެކުލެވޭ ފެނެކެވެ.

ފޮޓޯ/ފުޑްނެޓްވޯކް

ކުރުނބާ ފެން ބުއިމުން ހަށިގަނޑަށް ލިބޭ އިތުރު ސިއްހީ ފައިދާތަކުގެ ތެރޭ:

• މީހާ ޑީހައިޑްރޭޓްވުމުން ދުރުކޮށްދިނުން. ހާއްސަކޮށް ރޯދަ ވީއްލުމަށްފަހު ޑީހައިޑްރޭޓްވުމުން ދުރުކޮށްދިނުމަށް އެހީތެރިވުމުގައި ކުރުނބާ ފެނަށް ވުރެ ރަނގަޅު ބުއިމެއް ނެތެވެ.

• ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދިނުން. މި ރަމަޟާން މަހު ހާއްސަ ޑައިޓެއް ނުވަތަ ބަރުދަން ލުއިކޮށްލަން ވިސްނާފައިވާނަމަ ކެއުމުގައި ކުރުނބާ ފެން ހިމަނަން ހަނދާން ނައްތާނުލާށެވެ.

• ހަންގަނޑު ރީތިކޮށްދިނުމުގައި އެހީތެރިވެދޭ. މޫނުގައި ލަކުނު ހުރެގެން އެކަމާ މާޔޫސްވާ ފަރާތްތަކަށް މިއީ ރަނގަޅު ހައްލެކެވެ. ގިނަ ގިނައިން ކުރުނބާ ފެން ބުއިމުން މޫނު ތެޔޮވުމުން ސަލާމަތްކޮށްދީ ގުދުރަތީ ތެތްކަމެއް ހަމަށް ގެނެސްދޭނެއެވެ.

• ކާ އެއްޗެހި ހަޖަމުކޮށްދިނުމަށް އެހީތެރިވެދޭ: ކުރުނބާ ފެނުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިފައި ވުމުން ބަނޑު ހިކުން ނުވަތަ އާދަޔާ ޚިލާފަށް ފާޚާނާއަށް ދެވުން ފަދަ ކަންކަން ދިމާވާ ނަމަ ކުރުނބާ ފެނަކީ އެކަމަށް އޮތް ހައްލެކެވެ.

• ބްލަޑް ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ: ކޮންމެ ދުވަހަކު ހެނދުނު ކުރުނބާ ފެންތަށްޓެއް ބޯލުމުން އެދުވަހަކު ހަށިގަނޑުގެ ބްލަޑް ޕްރެޝަ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

މި ނޫނަސް ކުރުނބާ ފެނާއި އޭގެ ހެވާއަކީ ހަށިގަނޑަށް ނުހަނު ގިނަ ގުނަ ސިއްޙީ ފައިދާތައް ލިއްބައިދޭ ބުއިމަކަށްވީ ނަމަވެސް ހަކުރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކުން ކުރުނބާ ފެން ބޯން ވާނީ ޑޮކްޓަރެއްގެ ނުވަތަ ޞިއްޙީ މާހިރެއްގެ ލަފާ އާއި އިރުޝާދުގެ ދަށުންނެވެ.

comment ކޮމެންޓް