މަޖިލިސް އިންތިހާބާ ގުޅޭ 8 މައްސަލައެއް އޭސީސީން ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: އޭސީސީން އަންނަނީ މަޖިލީހުގެ އިންތިހާބާ ގުޅޭ އަށް މައްސަލައެއް ބަލަމުން -- ފޮޓޯ/ އޭސީސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ އަށް މައްސަލައެއް ބަލަމުން އަންނަ ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.

"ސަން"އާ ވާހަކަ ދައްކަމުން އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅިގެން ޖުމްލަ 10 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން އަށް މައްސަލައެއް ބަލާއިރު، ދެ މައްސަލައެއް ނުބަލައެވެ.

ހަސަން ވިދާޅުވީ އޭސީސީން ނުބަލައި ވަނީ އެ ކޮމިޝަނުގެ މެންޑޭޓުގައި ނުހިމެނޭކަމަކާ ގުޅޭ މައްސަލަތައް ނުވަތަ އެކަށީގެންވާ ވަރަށް އެކަމަކާ ގުޅޭ މައުލޫމާތު ލިބިފައިނުވާ މައްސަލަތައް ކަމަށެވެ.

"ސްޕެސިފިކްކޮށް ދަންނަވާލަން ދަތި، އެކަމު އާންމުކޮށް ހުށަހެޅިފައި ހުރީ ކެމްޕޭނުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަތަކާއި ދޮގު ވައުދުވުމާއި ގުޅޭ މައްސަލަތައް،" ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފްސީލް މި ފެށޭ ހަފުތާގެ ތެރޭގައި އާންމުކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މި އަހަރުގެ އޭޕްރީލް 21ގައެވެ. މި އިންތިހާބުގައި 93 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ.

comment ކޮމެންޓް