ވީޑިއޯއެއް އަޅުވައި ނުލައި މިހާރު ނުވެސް ކެވޭ!

ކެއުމަކީ މީގެ ކުރިން އާއިލާގެ އެންމެން އެއްތަންވާ އެންމެ ހާއްސަ ވަގުތެވެ. މުޅި ދުވަހު އެ މީހަކު އަމިއްލަ ކަމެއް ކުރި ނަމަވެސް ކާން ދިމާވާ ވަގުތަކީ އެންމެން އެއްތަންވާ ތަނެވެ.

ނަމަވެސް މިހާރު ހުރިހާ ކަމެއް ބަދަލުވެ ގިނަ މީހުން އެކަނިވެއްޖެއެވެ. ކާން ވެސް ގިނަ ފަހަރު އިންނަން ޖެހެނީ އެކަންޏެވެ. އެއާއެކު ކެއުމުގެ ބައިވެރިޔަކީ ކޮންމެވެސް ކަހަލަ ވީޑިއޯއަކަށް ވެއްޖެއެވެ.

ކާން އިންނަ ވަގުތު އާއިލާއާ ވަރަށް ވާހަކަ ނުދެއްކެއެވެ. މިހާރު ކެވެނީ ކޮންމެވެސް ޓީވީ ޝޯއެއް ނުވަތަ ފިލްމެއް އަޅުވައިގެން ނުވަތަ ޔޫޓިއުބް އަޅުވައިގެންނެވެ. މިއިން އެއްޗެއް ބަލަމުން ނޫނީ މިހާރު ނުވެސް ކެވެނީ އެވެ.

ކާން އިންނަ ވަގުތު ކޮންމެހެން ކޮންމެ ވެސް އެއްޗެއް އަޅުވާފައި ހުންނަން ޖެހެއެވެ. އެހެންނޫނީ ކާ އެއްޗެއް ކެވޭ ކަމަކަށް ނުވެއެވެ. މިއީ މިހާރު ވަރަށް އާންމު ވެފައިވާ ކަމެކެވެ.

https://www.tiktok.com/@kaylawatler/video/7471664513696238870

"އާންމުކޮށް ކާން އިންނަނީ އެކަނި. ދެން ޔޫޓިއުބް ވީޑިއޯއެއް އަޅުވައިގެން އިންނަނީ ގިނަ ފަހަރަށް. މިއީ ކޮންމެހެން މުހިއްމު އެއްޗަކަށް ވާކަށް ނުޖެހޭ،" ޒުވާނަކު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ގިނަ ފަހަރަށް ބަލަނީ ސޯޝަލް މީޑިއާގައި އެ ދުވަސްވަރެއްގައި ހިނގާ ކަންތައްތަކަށް ބިނާކޮށް ހަދާފައި ހުންނަ ވީޑިއޯއެވެ. އަނެއް ބަޔަކު ބުނާގޮތުގައި ކާ ވަގުތު ޑޮކިއުމަންޓްރީ ވެސް ބަލައެވެ. އަދި އެއްބައި މީހުންނަކީ، ބަލައި ނިންމާފައި ހުންނަ ޝޯތައް ވެސް ބަލައި އުޅޭ މީހުންނެވެ.

ނަމަވެސް އެއްޗެއް އަޅުވައިގެން ކާން އިނުމަކީ ކެއުމުގެ އާދައަށް ބަދަލު އަންނަ ކަމެކެވެ.

ނެދަލެންޑްސްގެ އިންސްޓިޓިއުޓް އޮފް ސޯޝަލް ރިސާޗުން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގިފައިވަނީ ކާ ވަގުތު ވީޑިއޯ ބަލާނަމަ އެއިން ހަށިގަނޑަށް ގެއްލުން ކުރުން އެކަށީގެންވާ ކަމެވެ.

އާންމުކޮށް ކާވަގުތަކީ ކާއެއްޗެއްސަށް ސަމާލުކަން ދޭ ވަގުތެކެވެ. އެއާއެކު ކެވޭ މިންވަރާއި ބަނޑު ފުރެންވީމައި މީހާއަށް އިހުސާސް ކުރެވޭނެއެވެ. ނަމަވެސް ކާ ވަގުތު އެއްޗެއް ބަލާނަމަ ކަންތައް ވަނީ އެގޮތަށް ނޫން ކަމަށް ދިރާސާއިން ބުނެއެވެ.

ދިރާސާއިން ބުނާގޮތުގައި ކާ ވަގުތު ވީޑިއޯ އަށް ބަލާނަމަ މީހާ ބަނޑު ފުރޭއިރު ވެސް ގިނަ ފަހަރަށް ނޭނގެއެވެ. އެއާއެކު ކެވެން ވާ ވަރަށް ވުރެ ގިނައިން ކެވޭ ފަހަރު އާންމުވާއިރު، ސަމާލުކަން ހުއްޓިފައި ހުންނަނީ އެ ވަގުތު ބަލާ އެއްޗަކަށް ކަމަށް ދިރާސާއިން ހާމަވެފައިވެއެވެ.

އެއްޗެހި ބަލަމުން ކާ މީހުން ސީރީޒްތައް ވަރަށް ގިނައިން ބަލައެވެ. ކެއުމުގެ ސެޝަނަކީ އެ މީހުންނަށް އެއިން އެޕިސޯޑެއް ނިމޭހާ ވަގުތެވެ. ނުވަތަ އެ ބަލަން އިން އެއްޗެއް ނިމޭހާ ވަގުތެވެ. އެކަމަކު އެ ވަގުތު ކެއުމުގައި ހޭދަކޮށްފި ނަމަ ނޭނގި ނަމަވެސް ހުންނަނީ ވަރަށް ގިނައިން ކެވިފައެވެ. ދިރާސާއިން ލަފާ ދޭ ގޮތުގައި އާންމު ގޮތެއްގައި މީހަކު ކެއުމަށް ހޭދަކުރަން ޖެހޭނީ 12 ވަރަކަށް މިނެޓެވެ.

މިއަށްވުރެ ގިނަ ވާނަމަ ކެވޭ މިންވަރު ވެސް އިތުރުވެދާނެއެވެ. އެހެންވީމާ ވީޑިއޯއެއް ބަލަން ބޭނުންވާނަމަ ޓައިމަރެއް ކަނޑައަޅާށެވެ.

ކާ ވަގުތު ވީޑިއޯ ބެލުމުގެ އާދައަކީ ގިނަ ބައެއްގެ ހަރުލާފައިވާ އާދައެކެވެ. އެހެންވީމާ މިއީ ނައްތާލަން އެހާ ފަސޭހަ އާދައަކަށް ނުވެދާނެއެވެ. ނަމަވެސް މިއިން ލިބިދާނެ ގެއްލުމަށް ވިސްނާލުން ރަނގަޅުވާނެއެވެ.

comment ކޮމެންޓް