ފ. މަގޫދޫގައި އަޅަމުންދިޔަ އެއާޕޯޓު މަސައްކަތް ހުއްޓިފައި އޮތުމުން އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އެ ރަށުގައި ގާއިމުކުރަމުންދާ އެއާޕޯޓު މަސައްކަތް މިހާރު އޮތީ ހުއްޓިފައި ކަމަށެވެ.
އެގޮތުން މަސައްކަތް ހުއްޓާލިތާ ހަތަރު ވަރަކަށް ދުވަސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، މި މަޝްރޫގެ ބޮޑު ބައެއް ނިމިފައިވާކަން ފާހަގަކޮށް އޭނާ ވަނީ އެއާޕޯޓު މަސައްކަތް ހުއްޓުނީ ސިޔާސީ ގޮތުން ބަޔަކު ކުރަމުންދާ ނުފޫޒެއްގެ ސަބަބުން ކަމަށް ތުހުމަތުކުރައްވާފައެވެ.
"އެ މަސައްކަތް ހުއްޓާލާފައި އޮތީ ޑރ. މުއިއްޒުގެ ކޮއްކޯފުޅު ސައުދާ ނިލަންދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރުމަށް ނިލަންދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އެދިގެން،" އޭނާ ފާހަގަކުރެއްވިއެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ކުރީ ސަރުކާރުން މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށް ނިންމާފައިވަނީ، ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި، ވީއައިޕީ ޓާމިނަލެއް ހިމެނޭ ގޮތަށެވެ.
އަދި އެ ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް، ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްގީ ކުރާނެއެވެ.
މަގޫދޫ އެއާޕޯޓް ތަރައްގީކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 650 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
މަގޫދޫ އެއާޕޯޓު މަސައްކަތަށް އެ ރަށުގެ ފަޅުން ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީންނެވެ. 30.8 ހެކްޓަރުގެ ބިން އެއާޕޯޓަށް ހިއްކިއިރު އެހެނިހެން ބޭނުމަށް 17 ހެކްޓަރުގެ ބިން ހިއްކާނެއެވެ.