އަންހެން ފުޓުބޯޅަ: ޕީއެސްޖީ ވެސް ސެމީއަށް

ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޕެރިސް ސެއިންޓް ޖާމެއިން ފެމިނީންސް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަހޯދީ ކުއާޓާ ފައިނަލްގައި ހާކެން ވިމެންއާ ބައްދަލުކޮށް 5-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން ޕީއެސްޖީ ކާމިޔާބު ކުރިއިރު ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު 3-0 އިން ކާމިޔާބު ކުރީ ވެސް ޕީއެސްޖީއެވެ.

ރޭގެ މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. ޕީއެސްޖީން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓަބީތާ ޗަވިންގާއެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ޕީއެސްޖީން ދިޔައީ ހާކެންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަދި، ލަނޑު ޖަހާނެ ފުރުސަތު ވެސް ލިބިގެން ގޮސްފައިވާކަން ފާހަގަވިއެވެ.

މެޗުގައި ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ ކޯބިން އެލްބާޓްއެވެ. އަދި، ފަހު ލަނޑު އޭގެ ހަތަރު މިނެޓު ފަހުން ޖަހައިދިނީ މެރީ އެންޓޮއިނޭޓް ކަޓޯޓޯއެވެ.

މި ކާމިޔާބީއާ އެކު ޕީއެސްޖީން މިވަނީ މިމުބާރާތުގެ ސެމީފައިނަލުން ހަތްވަނަ ފަހަރަށް ޖާގަ ހޯދައިފައެވެ. ސެމީފައިނަލްގައި ޕީއެސްޖީއަށް ވާދަކުރަންޖެހެނީ ވާދަވެރި ލިއޯން ފެމިނީންސްއާއެވެ.

ފްރެންޗް ޑިވިޝަން އާން ފެމިނީންއަށް ނިސްބަތްވާ މި ދެ ޓީމަށް ބަލާލައިރު ލިއޯން އުޅެނީ ލީގުގައި ޕީއެސްޖީއަށްވުރެ ހަތް ޕޮއިންޓް ކުރީގައެވެ. އަދި، މި މުބާރުގެ 2016-2017 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ލިއޯން އަތުން ޕީއެސްޖީ ވަނީ ބަލިވެފައެވެ.

ލިއޯންއިން މި މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލްގައި ބެންފީކާއާ ބައްދަލުކޮށް 6-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

comment ކޮމެންޓް