އަންހެން ފުޓުބޯޅަ: ބާސާ ޗެމްޕިއަންސް ލީގުގެ ސެމީއަށް

ބާސެލޯނާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓީ/ ސްކައި ސްޕޯޓްސް

ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ފެމެނީނޯ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމިފައިނަލުން ބާސެލޯނާ ޖާގަހޯދާފައިވަނީ ކުއާޓާ ފައިނަލްގައި ބްރާން ވިމެންއާއި ބައްދަލުކޮށް 5-2ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެެވެ. ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ބްރާންގެ ދަނޑުގައި ކުޅެ 2-1 އިން ބާސެލޯނާ ކާމިޔާބު ކޮށްފައިވާއިރު ރޭ ކުޅުނު ދެވަނަ ލެގު ބާސެލޯނާގެ ދަނޑުގައި ކުޅެ އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފާވަނީ މެޗުގެ 24 ވަނަ މިނެޓުގައި ބާސެލޯނާއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އައިޓާނާ ބޮންމާޓީއެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެން ގޮސްފައިވަކަން ފާހަގަ ކޮށްލެވުނެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ދެވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ނަޖައިދިނީ ފްރިޑޮލީނާ ރޮލްފޯއެވެ. މެޗުގައި ބްރާންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ ޓޮމީން ސްވެންޑެއިމްއެވެ. ބާސެލޯނާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ ޕެޓްރީ ގުއިހާރޯއެވެ.

މި ނަތީޖާއާ އެކު ސެމީފައިނަލްގެ ޖާގައެއް ބާސެލޯނާއަށް ކަށަވަރުވެފައިވާއިރު ސެމީފައިނަލްގައި އެ ޓީމަށް ބައްދަލުކުރަން ޖެހޭނީ ޗެލްސީ ވިމެންއާއެވެ. މިދިޔަ ސީޒަންގެ ސެމީފައިނަލްގައި ވެސް ބާސެލޯނާއިން ވާދަކޮށްފައިވަނީ ޗެލްސީއާއެވެ. އެ ސެމީފައިނަލް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާއެވެ.

ޗެލްސީ ވިމެންއިން ސެމީފައިނަލުން ޖާގަހޯދައިފާވަނީ ކުއާޓާ ފައިނަލްގައި އަޔެކްސް ވްރުވެންއާ ބައްދަލުކޮށް 4-1ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ބާސެލޯނާއާއި ޗެލްސީ ބައްދަލުކުރާ ސެމީފައިނަލްގެ ފުރަތަމަ ލެގު 20 ނޫނީ 21 އެޕްރީލްގައި ބާސާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގު 27 ނުވަތަ 28 އެޕްރީލްގައި ކުޅުމަށް ހަމަޖެހިފައިވަނީ ޗެލްސީގެ ދަނޑުގައެވެ.

comment ކޮމެންޓް