އަންހެން ފުޓުބޯޅަ: ގުރޫޕުގެ އެއްވަނައިގައި ބާސާއިން ކުއާޓާއަށް

ބާސެލޯނާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ސްޕޯޓްސް މޯލް

ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ފެމެނީނޯއިން އެއިންޓްރެންކް ފްރޭންކްފާޓް ލޭޑީޒް ބަލިކޮށް، ގްރޫޕްގެ އެއްވަނައަށް އަރައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ބާސާއިން ލީޑު ނަގާފައިވަނީ މެޗުގެ 19 ވަނަ މިނެޓްގައި ގުއިހާރޯ ގުޓިއެރޭޒް ޖަހައިދިން ލަނޑުންނެވެ. މެޗުގައި ބާސާގެ ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓްގައި ޖަހައިދިނީ ކެރޮލީން ގްރަހަމް ހެންސެންއެވެ.

މި ކާމިޔާބީއާ އެކު ބާސާއިން މިހާރު ވަނީ ބާކީ އެއް މެޗު އޮށްވައި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ. ބާސާއިން މިހާރު ވަނީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިފައެވެ. އަދި، މި މެޗުން ބަލިވުމުން ފްރޭންކްފާޓް އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ.

މިގްރޫޕްގައި ބެންފިކާ ވިމެންއާއި ރޯސެންގާޑް ވިމެން ބައްދަލުކުރި މެޗު 2-2 އިން ވީ އެއްވަރެވެ.

މެޗު އެއްވަރުވުމާއެކު ބެންފީކާއިން މިހާރު ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަހޯދައިފައެވެ. އެއީ، ކުޅުނު ފަސް މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކުއެވެ. ރޯސެންގާޑް އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.

މުބާރާތުގެ ގްރޫޕް ބީގައި ލިއޯން ފެމިނީނޭސްއާއި ސެއިންޓް ޕޯލްޓެން ވިމެން ބައްދަލުކުރި މެޗު 7-0 އިން ކާމިޔާބުކޮށް ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ލިއޯންއިން ވަނީ ގްރޫޕްގެ އެއްވަނައިގައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.

comment ކޮމެންޓް