މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން އަލަށް ފަށާ "ސީޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)އާއި ޓާކިޝް އެއާލައިންސް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އާއެކު ފަހުމުނާތަކެއްގައި މިރޭ ސޮއިކޮށްފިއެވެ.
މި ފަހުމުނާމާތަކުގައި ސޮއިކޮށްފައިވަނީ މިރޭ މީރުމާގައި އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްޕީއެލްއިން ބުނީ ޓާކިޝް އެއާލައިންސްއާއެކު ސޮއިކުރީ "ސީޓު-އެއާ" ޓްރާންޝިޕްމަންޓް ޚިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައި ކަމަށާއި އެމްއެސްއެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއާ ޕާޓްނަރަކަށްވުމަށް ކަމަށެވެ.
އަދި އެމްއޭސީއެލްއާއެކު ފަހުމުނާމާއެއް ހެދީ "ސީޓު-އެއާ" ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ފަހުމުނާމާގައި ޓާކިޝް އެއާލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގެވެ.
އެއާއެކު، އެމްއެސްއެސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ފަހުމުނާގައި ސޮއިކުރައްވާފައިވާއިރު އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުޙައްމަދު މިހާދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް ވިދާޅުވީ މި ޚިދުމަތަކީ އެމްޕީއެލްގެ އިތުރުން، ދިވެހިރާއްޖޭގެ އިޤްތިސާދަށްވެސް ފައިދާކުރާނެ ޚިދުމަތެއް ކަމަށެވެ.
"ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިޤްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމްޕީއެލްއަށް ވަނީ މުހިންމު މަސައްކަތްތަކެއް ހަވާލުކުރެވިފައި. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެކަންތައްތައް ހާސިލްކުރުމަށް." ވަޖީހް ވިދާޅުވިއެވެ.
މީގެއިތުރުން، ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރު ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިންގެ އަމާޒަކީ އެމްޕީއެލްއާ ގުޅިގެން ރާއްޖެއަކީ ސީޓު-އެއާ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.
އެމްޕީއެލްއިން ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން "ސީޓުއެއާ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ޚިދުމަތް ފަށާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
ސީ-ޓުއެއާ ކާގޯ ޚިދުމަތަކީ ވައިގެ މަގުންނާއި ކަނޑު މަގުުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފުކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އަދި، މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގެ ޚިދުމަތް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ޚިދުމަތް ކުރިއަށް ގެންދާނީ އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އަދި ބައިނަލްއަޤްވާމީ އެއާލައިންތަކާ ގުޅިގެންނެވެ.
މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތަކަށް ވާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އެގޮތުން ރާއްޖެއަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުން ކަމަށާއި ޚާއްސަކޮށް ތުރުކީގެ ގައުމުތަކަށް ކުރާ ދަތުރުތައް އިތުރު ކަމަށް ފާހަގަކޮށްފައިވެއެވެ.