ޖާހު ފްލެޓު އެއްބަސްވުމާމެދު އަމަލުކުރާނެ ގޮތެއް ތިން ހަފުތާ ތެރޭ ގޮތް ނިންމަނީ

"ދަ ގާޑަން ރެޒިޑެންސް"ގެ މަސައްކަތް ނުނިމި ލަސްވުމާ ގުޅިގެން، އެ އިމާރާތުން ހައުސިން ޔުނިޓްތައް ގަނެފައިވާ ފަރާތްތަކުން އިހުތިޖާޖު ކުރަނީ: އެތަން ނިންމަން 30 ދުވަހުގެ ނޯޓިސް ވަނީ ދީފަ ---

ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ދަ ގާޑްންސް ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ތިން ހަފުތާތެރޭ ބެލުމަށްފަހު އެއްބަސްވުމާމެދު ކަންކުރާނެ ގޮތެއް ނިންމާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

މި ފްލެޓަތަކުން އެޕާޓަމަންޓު ގަތުމަށް 2019ވަނަ އަހަރު ފައިސާ ދެއްކި މީހަކު ވަނީ ފްލެޓު ނިންމުމުގެ ކަންކަން ކުރިއަށް ދާގޮތް "ސަން"އާ ހިއްސާ ކޮށްފައެވެ. އެގޮތުން ފްލެޓަށް ފައިސާ ދައްކާފައިވާ މީހުންނާ، މި ސަރުކާރުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައި ވާކަމަށް އޭނާ ބުންޏެވެ.

ޖާހުގެ މަސައްކަތް ކުރިއަށްދާ ގޮތް ކޮންމެ ހަފުތާއަކު ބަލާނެ ކަމަށާއި މަސައްކަތަށް ކުރިއެރުން އަންނަ މިންވަރު ބަލާނެކަމަށް އެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

ޖާހު އެޕާޓްމަންޓްތައް ގަތް މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ 2020ވަނަ އަހަރުން ފެށިގެން ދެ އަހަރުތެރޭ ނިންމަން ހަވާލު ކުރި މަސައްކަތް ނުނިމި މި އަހަރާ ހަމައަށް ހަތަރު ވީއިރު ވެސް ޖާހުގެ އެއްބަސްވުން ބާތިލް ނުކުރުމެވެ.

"އެ ބައްދަލުވުމުގައި އެމްޑީ ވިދާޅުވި އެއްބަސްވުން ބާތިލްކުރަން ބޭނުމިއްޔާ އެއްބަސްވުން ބާތިލް ކުރެވިދާނެ އޭ ވެސް. އެކަމަކު ތިން ހަފުތާ ފަހުން މުޅި އެތީގައި ނަގާނެ ޑިޒިޝަނެއް ހިނގޭނީ،" ފަޒުލްއާ ހަވާލާދީ އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް ޖާހުން އެޕާޓަމްނަޓް ގަތް މީހުން ވަނީ މި ކަންބޮޑުވުން ފާހަގަކޮށްފައެވެ. ނަމަވެސް އޭރު އެޗްޑީސީން ބުނީ، އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކެއް އެބަހުރި ކަމަށެވެ.

ޖާހު ފްލެޓްތައް ނިންމުމަށް މިދިޔަ ސަރުކާރުން ވެސް ވަނީ އެތައް މުއްދަތެއް ދީފައެވެ. އަދި އެންމެ ފަހުން ހަ މަސްތެރޭ ނިންމުމަށް އަމާޒު ހިފާ އާބަންކޯއިން ފްލެޓުތައް ނިންމުމުގެ މަަސައްކަތް ފެށިއެވެ.

މި ފްލެޓުތަކުގައި މިހާރު ކުރަން ހުރީ ފިނިޝިންގެ މަސައްކަތްތަކެވެ. މި ނޫހާ ވާހަކަ ދެއްކި މީހާ ބުނިގޮތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބެއްގެ ގޮތުގައި ޖާހުން ބުނަނީ ފައިސާ ނެތުމެވެ.

"ގަތް މީހުންގެ ގާތްގަނޑަކަށް އެންމެން ވެސް 90 ޕަސަންޓަށް ވުރެ ބޮޑުކޮށް ޕޭ ކޮށްފި މިހާރު އޭގެ މާނައަކީ ބިލްޑިންގެ އޯނަރަށް ބިލްޑިންގެ ކޮސްޓާ ފައިދާއާ އެއްކޮށް ވެސް ލާރި ލިބިފައޭ އެހުރީ. މިހާރު އަޅުގަނޑުމެންނަށް ލިބޭ ޚަބަރަކީ ލާރި ނެތިގެން ނުނިމިގެން އުޅޭ ވާހަކަ،" މި ނޫހާ ވާހަކަ ދެއްކި އެހެން މީހަކު ބުންނެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި މި ފްލެޓްތައް ގަތް މީހުންގެ ތެރެއިން ގިނަ މީހުންނަކީ ލޯނެއް ނަގައިގެން ފައިސާ ދެއްކި މީހުންނެވެ. އަދި ލޯނު ދައްކަމުން މިހާރު ކުއްޔަށް އުޅެން ޖެހުމުން ގިނަ ބަޔަކަށް އެތައް އުނދަގޫތަކެއް ތަހަންމަލު ކުރަން ޖެހޭކަން އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑު މި ހުރީ ލޯނު ދައްކަމުން މަލޭގައި އުޅޭ ގެއަށް ރެންޓު ދައްކަމުން އުޅެމުން އަތުގައި ސޭވް ކޮށްފައި ހުރި ހުރިހާ އެއްޗެއް ވެސް ގޮސް މުޅި މީހާ ހަގީގަތުގަ ފަގީރު ވެއްޖެ މިހާރު،" ހަތަރު އަހަރު ވީއިރު ބޮޑު އަގު ދީ ގަތް އެޕާޓްމަންޓު ނުނިމުމުގެ މާޔޫސްކަމުގައި އޭނާ ހިއްސާކުރިއެވެ.

މިކަމުގެ ގެއްލުން ގިނަ ބަޔަކަށް ލިބިފައި ވާއިރު، ގެއްލުމުގެ ބަދަލު ދޭން ވެސް ޖާހުން ދެކޮޅު ހަދާކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް