ފުލުހަކު ކުޑަކުއްޖަކަށް އަނިޔާކުރިކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށްފި

ހުޅުމާލޭ ދަވަނަ ފިޔަވަހީގެ ޕޮލިސް ސުޓޭޝަން ކައިރިއަށް އެއްވެ އާންމުން އަޑު އުފުލަނީ--ފޮޓޯ

ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފިއެވެ.

ރޭ ހުޅުމާލޭގައި 18 އަހަރު ނުވާ އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރީކަމަށް ބުނެ އަންހެން ކުއްޖާގެ އާއިލާއިން ހުޅުމާލޭ ދަވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ ވަނީ އަޑު އުފުލާފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެއްވެސް މީހެއްގެ ގައިގައި ނުޖަހާ ކަމަށް ބުނެފައެވެ.

އެއީ ފުލުހުން ގާއިމްކޮށްފައިވާ ޗެކްޕޮއިންޓަކުން ފިލަން އުޅެނިކޮށް ސައިކަލުން ވެއްޓިގެން ލިބުނު އަނިޔާތަކެއް ކަމަަށް ވެސް ފުލުހުން ބުންޏެވެ.

"މިއީ ރޭގެ 22:05 ހާއިރު ފުލުހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުން ގައިން ނައްޓައި ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއް،" ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ސައިކަލް ދުއްވާފައިވަނީ ލައިސެންސް ނެތް ފަރާތެއް ކަމަށެވެ. އަދި އަނިޔާވި ފަރާތްތަކަށް ރޭ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެވުނު ކަމަށް ޝިފާން މިއަދު ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

comment ކޮމެންޓް