ޔާމީން ފަޅީގައި ހުންނެވި އައްބާސަށް މެލޭޝިޔާ އެމްބަސީން ވަޒީފާ

އައްބާސް އާދިލް ރިޒާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަޅީގައި ހުންނަވައިގެން މި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރި އައްބާސް އާދިލް ރިޒާއަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވަޒީފާ ދީފިއެވެ.

"ސަން"އަށް އެނިގައިފައިވާ ގޮތުގައި އޭނާވަނީ މެލޭޝިޔާއަށް ފުރުމުގެ ކުރިން ފޮރިން މިނިސްޓްރީގައި އޮންނަ އޮރިއެންޓޭޝަންގައި ވެސް މިއަދު ބައިވެރިވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރާއި ރައީސް ޔާމީނާއި ދޭތެރޭ މައްސަލަ ޖެހި، ސަރުކާރާ ދެކޮޅަށް އެންމެ އިސްކޮށް ނިކުމެ ވަޑައިގެންނެވި އެއް ބޭފުޅަކީ އައްބާސެވެ.

އޭރު ސިލްސިލާކޮށް ޔާމީންގެ ސަޕޯޓަރުން ތިބި ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ވެސް އޭނާއެވެ. އެ ގޮތުން އެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އައްބާސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުކޮށް، ފާޑު ވިދާޅުވެފައެވެ.

އެހެން ނަމަވެސް ޕީއެންއެފްގެ ނަމުގައި ޔާމީން އާ ސިޔާސީ ޕާޓީއެއް އުފެއްދެވިއިރު، އެ ޕާޓީގެ ހަރަކާތްތަކުން އައްބާސްވަނީ ގެއްލިފައެވެ.

އޭނާއަކީ ސިޔާސީ ގޮތުން ސޯޝަލް މީޑިއާގައި އެކި މީހުންނަށް ފާޑުވިދާޅުވެ، ބޮޑެތި ތުހުމަތުތައް އަމާޒު ކުރައްވައިފައިވާ ބޭފުޅެކެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އައްބާސް ވިދާޅުވި އެއްޗަކާ ގުޅިގެން ބޮޑު މައްސަލަގަނޑެއް ވެސް އުފެދުނެވެ. އޭނާ ގޮވާލެއްވީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅު ޖެހުމަށެވެ.

އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖެހުމަށް ގޮވައިލި މައްސަލައިގައި އައްބާސްގެ މައްޗަށް އުފުލީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމާއި މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކްލަބްހައުސްގައި ހިތްވަރު ދިންކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މީގެ ކުރިން އައްބާސްވަނީ ހައްޔަރު ވެސް ކޮށްފައެވެ. އެހެން ނަމަވެސް ފަހުން އޭނާ ދޫކޮށްލިިއިރު، މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ހާޒިރުނުވުމުން، އޭނާ ހޯދުމަށް ފުލުހުން އިއުލާން ވެސް ކުރިއެވެ.

އެހެން ނަމަވެސް އޭގެ ފަހުން އެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްދިޔަ ކަމެއް ސާފެއް ނޫނެވެ.

comment ކޮމެންޓް